މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބުދަ ދުވަހު އިނގިރޭސި ވިލާތައް ވަޑައިގަތުމުން އެ ގައުމުން ފިނި މަރުހަބާ އެއް ކިޔައިފިއެވެ.
މުއިއްޒު މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތައް ކުރައްވާ ދެވަނަ ދަތުރުފުޅުގައި އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ގައުމުތަކުގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަތުމުން އިހްތިރާމު އަދާ ކުރުމުގެ ގޮތުން އޮންނަ ރަތްދޫލައިގެ މަރުހަބާ ދެންނެވުން ފަދަ އެއްވެސް ކަމެއް ފެނިފައި ނުވުމުގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ލަންޑަނަށް ވަޑައިގަތުމުން އިނގިރޭސި ސަރުކާރުގެ އެއްވެސް އިސް އޮފިޝަލަކު މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.
އޭގެ ބަދަލު ގައި މުއިއްޒު އަށް މަރުޙަބާ ދަންނަވަން ވަޑައިގަތީ، ރަސްގެފާނުގެ މަންދޫބެއްގެ ގޮތުން ގްރޭޓަރ ލަންޑަންގެ ޑެޕިއުޓީ ލެފްޓިނަންޓް، މޭޖަރ ޖެރެމީ ފަރން ޓީ.ޑީ، އާއި ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީގެ މަންދޫބެއްގެ ގޮތުން މިސްޓަރ ގޯޑަން ވެދެރަލް އެވެ.
ދެން ތިއްބެވީ ދެ ގައުމުން އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅުއްވާފައި ތިއްބަވާ ދެ ސަފީރުންނެވެ. އެ ގޮތުން ދިވެހިރާއްޖެ އަށް އިނގިރޭސިވިލާތާއި ނޯދަން އަޔަލޭންޑް އިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ނިކޮލަސް ޑޭވިޑް ލޯ، އާއި އިނގިރޭސިވިލާތައް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އިރުތިޝާމް އާދަމް އެ އަރޕޯޓަށް ވަޑައިތަވެ.
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް ވަޑައިގަތުން pic.twitter.com/1xTcLcRHLo
— The President's Office (@presidencymv) July 16, 2025
ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.