ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިކް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ޔަގީންކޮށްދީފައިވާ މިނިވަންކަމެއް ކަމަށާއި، ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ފެހި ގާނޫނު އަސާސީގައި ލިބިދީފައިވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ދުވަހަކަށްވުރެ ދުވަހެއް މި ހައްގު ހަނި ކުރަމުން ގެންދާ ކަމަށާއި، މިގޮތަށް މިކަން ކުރުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންނަށް ގާނޫނު އަސާސީން ޔަގީންކޮށްދީފައިވާ މިނިވަންކަމެއް. ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން އަޅުގަނޑުމެންގެ ފެހި ގާނޫނު އަސާސީގައި އަޅުގަނޑުމެންނަށް މިއޮތީ ލިބިފައި. އެހެން އެކަން އޮތްއިރުގައި ސަރުކާރުން ދުވަހުން ދުވަހެއް މި ހައްގު ހަނި ކުރަމުން ގެންދިއުމަކީ އަޅުގަނޑުމެން ޕާޓީއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމެއް އަދި މިއީ މިގައުމުގައި މިކަން ވެގެންވާނެ ގޮތެއް ނޫން.
އެމްޑީޕީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ![]()
މީގެ އިތުރުން އައިކް ވަނީ ރަންރީނދޫ ދުވުމުގެ ހަރަކާތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އައިކް ވިދާޅުވީ މި ހަރަކާތާ ގުޅިގެން ވެސް ސަރުކާރުން ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ.
އައިކް ވިދާޅުވީ ސުލްހަވެރިކަމާއެކު މިދުވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ނުދިނުމުން މާލޭގައި ބާއްވާ ދުވުމުގައި ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ މިދުވުން އޮންނާނީ 25 ޖުލައި ވާ ހުކުރު ދުވަހުގެ ހަވީރު 4:00ން ހަވީރު 6:00ށް ކަމަށް އައިކް ވިދާޅުވިއެވެ.