ތައުލީމީ ދާއިރާ ކުރިއެރުވުމަށް ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި، މިސަރުކާރުގައި އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައްވީ މަދު ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ މިސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި ވެސް ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ގޮތް ނުބަލާ ކަމަށެވެ.
ތައުލީމީ ދާއިރާއަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދަނީ ޕްލޭނެއް ނެތި ކަމަށެވެ. މި ސަރުކާރުގައި ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް 2 ޖޫން 2024 ގައި އިފްތިތާހްކުރި ކޫލް ސްކޫލް ޕްރޮޖެކްޓްއާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއުގެ ވާހަކަ ދެއްކެވުން ދިމާނުވާ ކަމަށެވެ.
އިހުސާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ހާސިލްކުރަން އުޅޭ ކަމެއް ނޭނގޭ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތާއި މެދު ސްކޫލުތަކާއި، ބެލެނިވެރިންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޖޫން މަހު ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ޖަލްސާގައި މިނިސްޓަރު އޮފް އެޑިއުކޭޝަން ވިދާޅުވީ ރައްޔިތުންގެ އެހީތެރިކަމާއެކު ކޮމިއުނިޓީގެ ބައިވެރިވުމާއެކު ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ސްކޫލުތައް އޭސީކޮށް ނިންމާނަމޭ. އޭގެފަހުން އަނެއްކާ ވެސް ކޮންމެވެސް މެހެފިލްއެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެކަމަށްޓަކައި ބޮޑު މަސައްކަތްތަކެއް ހަރަދުތަކެއް އެބަކުރަމޭ. ބޮޑެތި މަސައްކަތްތަކެއް އެބަ ކުރަމޭ. އޭގެފަހުން އަނެއްކާ މިނިސްޓަރު ވިދާޅުވެއްޖެ މިއަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް އިރާދަކުރެއްވިއްޔާ އެމަސައްކަތް ނިންމާނަމޭ. ދެން އޭގެ ފަހުން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ ސަރުކާރުން މިދަނީ ބާކީއިން 3000 އެތައް ކްލާސްރޫމެއް އޭސީ ކުރުމުގެ މަސައްކަތް ކުރަމުންނޭ. މީގައި ސަރުކާރުން ކުރަން މިއުޅެނީ ކޮންކަމެއް ކޮން ގޮތަކަށްކަން ޔަގީންކަމާއެކު ބުނަން ކެރޭ ދިވެހި ރައްޔިތަކު މިއުޑުދަށުގައި ނެތް.
އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން![]()
އިހުސާން ވިދާޅުވީ ސްކޫލުތައް ތަރައްގީ ކުރުމުގައި އެއްވެސް މިސްރާބެއް ނެތް ކަމަށާއި، އެކަމުގެ ގެއްލުން ދަރިވަރުން ހިމެނޭ ގޮތަށް ސްކޫލުގެ ދާއިރާގައި އުޅޭ ހުރިހާ އެންމެނަށް ކުރަމުންދާ ކަމަށެވެ.
އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން އިހުސާން ވިދާޅުވީ އެމަސައްކަތް ކުރުމަށް މިސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށާއި، ހަމައެކަނި މާލޭގެ ސްކޫލުތައް ވެސް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ވަރަށް އުދަނގޫ ބޮޑު މަސައްކަތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އަމަލީ ސިފައެއްގައި މަސައްކަތް ނުކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމުގެ މަސައްކަތް ވަކި ޕްލޭނެއްގެ ދަށުން ވަރަށް ކުރިއަށް ގެންދިޔަ ކަމަށެވެ. ސަރުކާރު ބަދަލުވެގެންދިޔައިރު، އެއްދަންފަޅިއަށް ބަދަލު ނުކުރެވި ހުރީ އެންމެ 56 ސްކޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑެތި ސްކޫލުތައް ވެސް އެންދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައި، ހުޅުމާލެ ފޭސް2ގައި ގާއިމްކުރި ސަލާހުއްދީން ސްކޫލާއި، ކުޅުދުއްފުށި ސިޓީގައި ހުރި ޖަލާލުއްދީން ސްކޫލު އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރި ކަމަށެވެ.
ނަމަވެސް މިސަރުކާރުގައި އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް މަދުވެ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް ގިނަ ވަމުންދާ ކަމަށާއި، މިހާރު 62 ސްކޫލަށް ވުރެ ގިނަ ސްކޫލުތަކުގައި ކިޔަވައިދެމުންދަނީ ދެދަންފަޅިއަށް ކަމަށް އިހުސާން ވިދާޅުވިއެވެ.
އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުގެ ވާހަކަ. އެއްދަންފަޅިއަށް ދިވެހިރާއްޖޭގެ ސްކޫލުތައް ބަދަލު ކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެސެސްމަންޓް ހަދާ ލިޔެ އެކަމަށްޓަކައި ވަކި ޚާއްސަ ޕްލޭނެއް އެކުލަވާލާފައި އޮތް ކަމެއް. މާލޭގެ ބޮޑެތި ސްކޫލުތައް ވެސް އެއްދަންފަޅި ސްކޫލުތަކަށް ބަދަލު ކުރުމަކީ އެވިދާޅުވާހާ އުދަނގޫ ދަތިކަމެއް ނޫނޭ. އެކަމަށްޓަކައި ވަކި ޚާއްސަ ޕްލޭނެއް އެކުލަވާލެވިގެން ވަކިން ޚާއްސަ އެސެސްމަންޓެއް ހެދިގެން ވަކިން ޚާއްސަ ދިރާސާތަކެއް ކުރެވިގެން ޕްލޭންތަކެއް އެކުލަވާލެވިފައި ހުންނާނީ. އެހެންނަމަވެސް މިއަދުގެ ތައުލީމީ ވަޒީރު ވިދާޅުވީ މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫނޭ. އެޖުމްލައިން އެކަނި ވެސް އަޅުގަނޑުމެންނަށް ދޭހަވޭ އެބޭފުޅުންގެ ނިޔަތެއް ނެތްކަން އެކަން ކުރާކަށް.
އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން![]()
މި ސަރުކާރުގައި އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމަށް އިސްކަން ނުދޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ދަށުން ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކޮށްފައިވަނީ ކުރީ ސަރުކާރުގައެވެ. އަދި ރާއްޖޭގެ ހުރިހާ ސުކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.