ކ. މާލެ
|
19 މެއި 2025 | ހޯމަ 12:53
ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދު
ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދު
ޖޭއެސްސީ
ސުލޫކީ މައްސަލައެއް ބަލަން ފެށުން
ޑރ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރެއްވުމަށް ދެކޮޅު ހެއްދެވި ދެ މެންބަރުންގެ ވެސް ސުލޫކީ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަނީ
ޖޭއެސްސީގެ ކޮމެޓީން އެކަމާ ގުޅުންހުރި މައުލޫމާތުތައް ދަނީ ހޯދަމުން
ޖޭއެސްސީގެ ޕޮލިސީ އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމައެއް ނުކުރޭ
ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފައިވާ މައްސަލަ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ހައިކޯޓު ފަނޑިޔާރު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި، ޖޭއެސްސީގެ ކޮމެޓީން އެކަމާ ގުޅުންހުރި މައުލޫމާތުތައް ނަގަމުންދާ ކަމަށެވެ.

ހައިކޯޓު ފަނޑިޔާރު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދުގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރިއިރު އެކޮމެޓީގައި، މިމައްސަލައާ ދެކޮޅަށް ދެބޭފުޅުން ވާހަކަދައްކަވައި، ވަކި ކުރެއްވުމާ ދެކޮޅަށް ވޯޓު ދެއްވުމާ ގުޅިގެން ކަމަށް މައުލޫމާތު ދީފައިވެއެވެ.

ޖޭއެސްސީގެ ޕޮލިސީ އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމައެއް ނުކުރެއެވެ. އަދި ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެކަން ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވާފައިވަނީ 11 މެއި 2022 ގައެވެ. އަދި ސިވިލް ކޯޓު ގާޒީ ފަރުހާދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2024 ގައެވެ.

މީގެ އިތުރުން، ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ، ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނާއި، އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް ޖޭއެސްސީގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ޑރ.އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ޖޭއެސްސީން މައްސަލަ ބެލިއިރު އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ވެސް ދެއްވާފަ އެވެ.

މީގެ އިތުރުން މިމައްސަލާގައި ޑރ.އަޒްމިރަލްދާ އާއި މަހާޒަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެއްވާފައި ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފައިވަނީ 14 މެއި 2025 ގައެވެ. މި މައްސަލައާ ގުޅިގެން ބޭރުގެ ލޯފާމްތަކާއި، އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ރާއްޖޭގެ ޖުޑީޝަރީ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް ކަމަށާއި، މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް