އީރާނުގެ ސުލްހަވެރި ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު ކުރިއަށް ގެންދާ ނުރަސްމީ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ޤައުމުގެ އެއްވެސް ނިއުކްލިއަރ ފެސިލިޓީއެއް ނައްތާނުލެވޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު، 36 ވަނަ ތެހްރާން އިންޓަނޭޝަނަލް ފޮތް މައުރަޒަށް ޒިޔާރަތްކުރެއްވުމުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން އަރަގްޗީ ވަނީ ޔުރޭނިއަމް ފައްކާ ކުރުމުގެ ޙައްޤަކީ އިރާނަށާއި އީރާނުގެ ރައްޔިތުންނަށް ވެސް ލިބިފައިވާ ހައްގެއް ކަމަށް ވިދާޅުވެފައެވެ.
"ނިއުކްލިއަރ ދާއިރާގައި އީރާނުގެ ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރާނަން، އޭގެ ތެރޭގައި [ޔުރޭނިއަމް] އެންރިޗްމަންޓް ހިމެނޭގޮތަށް، މަޝްވަރާ މޭޒުގައި ވެސް އެ ހައްގެއް ކޮމްޕްރޮމައިޒް އެއް ނުކުރާނަން. މިއީ އީރާނުގެ ރައްޔިތުންގެ ޙައްޤެއް، އަދި އެކަކަށްވެސް އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫން،" އަރަގްޗީ ނޫސްވެރިންނަށް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ނައްތާލާނަމަ، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން "އިތުބާރު އުފައްދައި، ހާމަކަން ބޮޑުކުރުމަށް" ތެހްރާނުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ޕްރޮސެސް ސާފުކޮށް ދެވިދާނެ، އެހެންނަމަވެސް އެއްވެސް ނިއުކްލިއަރ ފެސިލިޓީ އެއް ނައްތައެއް ނުލެވޭނެ." އަރަގްޗީ ވިދާޅުވިއެވެ.
"އަނެއް ފަރާތުން އަޅުގަނޑުމެންގެ ޙައްޤުތައް ބަލައިގަންނަ ނަމަ" މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތެހްރާން ތައްޔާރަށް އޮތްކަން މިނިސްޓަރު ވިދާޅުވިއެވެ.
ދެ ފަރާތުން އަދިވެސް އެއްބަސްވުމުގެ އޮނިގަނޑަކަށް ވާސިލުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން [ނިއުކްލިއަރ] އެއްބަސްވުމުގެ އޮނިގަނޑަކަށް ވާސިލުވެއްޖެ ނަމަ، އެހެން މައްސަލަތައް ވެސް ނެގޭނެ، އެހެންނަމަވެސް އަޅުގަނޑުމެން އަދި އެ ހިސާބަކަށް ވާސިލުވެފަ އެއް ނުވޭ."
އެއާއެކު، ދެ ޤައުމުގެ މެދުގައި ބޭއްވުނު އެންމެ ފަހުގެ މަޝްވަރާތަކުގެ ތެރޭގައި އެމެރިކާ އިން އީރާނަށް ނިއުކްލިއަރ ޑީލްއަކަށް ލިޔުމުން ޕްރޮޕޯސަލް އެއް ހުށަހެޅިކަމަށް ބުނާ ރިޕޯޓުތައް އަރަގްޗީ ދޮގުކުރެއްވިއެވެ.
"މަޝްވަރާތަކުގެ ތެރޭގައި، އަނެއް ފަރާތަށް ލިޔުމުން ޚިޔާލުތައް ހުށަހެޅުނު، އެހެން ނަމަވެސް މިހާތަނަށް އަޅުގަނޑުމެންނަށް ލިޔުމުން އެއްވެސް ޚިޔާލެއް ލިބިފައެއް ނުވޭ."
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އީރާނުން ވަނީ ނުސީދާކޮށް ހަތަރު ބުރެއްގެ މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތައް ދެ ފަރާތުން ވެސް ޢާންމުކޮށް ސިފަކޮށްފައިފައި ވަނީ އެއީ އެދެވޭ މަޝްވަރާތަކެއްގެ ގޮތުގައެވެ.
އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާ އާ ގިނަ ގައުމުތަކެއް އެކުލެވޭ ގޮތައް 2015 ވަނަ އަހަރު ހެދި އެއްބަސްވުމުން 2018 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ވަނީ ވަކިވެފައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އިތުރުބާރު އުފެއްދުމަށް މަގު ފަހި ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމުގެ ބަދަލެއްގެ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އޮތީ އެއްބަސްވެފައެވެ.
މިހާރު އީރާނުން ބޭނުންވަނީ އެމެރިކާ އިން އިސްވެ އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލުމާ އެކު ކުރިން ކަންކުރި ގޮތައް އެއްބަސްވުމުން އަމިއްލަ އަށް ވަކި ނުވާނޭ ކަމުގެ ޔަގީންކަން އެމެރިކާ އިން ދިނުމަށެވެ.