ކ. މާލެ
|
16 މެއި 2025 | ހުކުރު 12:13
ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ
ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ފަނޑިޔާރުގެއަށް ސަރުކާރުން އަތްބޭނުން
މަޤާމުން ވަކިކުރިޔަސް މަހާޒް އާއި އަޒްމިރަލްދާގެ ނަޒާހަތްތެރިކަމެއް ނުގެއްލޭ، އަގު އެރީ މައްޗަށް : ޔާމީން
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް
މުޅި ފަނޑިޔާރުގެ އޮތީ ކިސަޑު ބުރާ ހަޑިވެފައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި

މަޤާމުން ވަކިކުރިޔަސް ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ ނަޒާހަތްތެރިކަމެއް ނުގެއްލޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ބުދަ ދުވަހުއެވެ. ރައީސް ޔާމީން ވަނީ އެ ދެ ބޭފުޅުން މަޤާމުން ވަކިކުރި އަސް އެ ދެ ބޭފުޅުންނަށް އާއްމުން ކުރާ އިޚުތިރާމް ގެއްލުވާ ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. މިއަދުވެސް އެ ދެ ބޭފުޅުންނަކީ ހުރިހާ އެންމެންގެ ގަދަރާއި ލޯބި ލިބިފައިވާ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ މެމްބަރުން އެ ދެ ބޭފުޅުން މަޤާމުން ވަކި ކުރީ ބާރު އޮތީތީ ބާރު އޮތް ބަޔަކަށް ބޭނުންވާ ކަމެއް ކުރެވިދާނެކަން ދެއްކުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ އަމަލުގެ ސަބަބުން އެ ދެ ފަނޑިޔާރުންގެ އަގު ދިޔައީ އިތުރަށް މައްޗަށް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މުޅި ފަނޑިޔާރުގެ އޮތީ ކިސަޑު ބުރާ ހަޑީވެފައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓު ބަދަލުކުރަނީ ޚުދުމުހުތާރުކޮށް އަމަލުކޮށް ބާރުތައް މުށުތެރެެއަށް ލުމަށް ކަމަށެވެ. އެކަން ކުރަނީ ނިޒާމުގައި މައްސަލަ އެއް ހުރެގެން ނިޒާމް އިސްލާހުކުރުމަށް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް މިހާރު ދިމާވެފައިވާ ހާލަތުތައް މި ހިސާބަށް އައުމުގައި ފަނޑިޔާރުން ވެސް ޒިންމާ ނަގަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މުޅި ފަނޑިޔާރުގެ އޮތީ ކިސަޑު ބުރާ ހަޑިވެފައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފައެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ޖޭއެސްސީން މައްސަލަ ބެލިއިރު އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ގާނޫނު ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ވެސް ދީފަ އެވެ. މީގެ އިތުރުން މިމައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެއްވާފައިނުވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

- ކޮމެންޓް