އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިކަމަށް ބުނާ އަސްކޮއި ޓްރެވަލް ސާރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ ބެލުމަށްފަހު 130,000 (އެއްލައްކަ ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "ދިވެހިރާއްޖެއިން އުމުރާ އަށް މީހުން ގެންދިއުމާއި ބެހޭ އުސޫލު" އަދި އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި އަސްކޮއި އިން ޚިލާފު ވެފައިވާ ކަމަށެވެ.
މިދިޔަ މާރޗު މަހުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަސްކޮއި ގުރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ އަދަދެއްގެ ފާއިސާ ނަގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގައި އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާނެ ކަމަށް, އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ ބައެއް ޖަމާއަތްތަކުގެ ހުއްދަވެސް މީގެ ކުރިން ވަނީ ބާތިލްކޮށްފައެވެ.