ކ. މާލެ
|
14 މެއި 2025 | ބުދަ 09:16
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުން ބަދަލު ކުރަނީ
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުން ބަދަލު ކުރަނީ
ރޮއިޓަރސް
އެމެރިކާ-ސައުދީ ގުޅުން
ސައުދީ އާއި އެމެރިކާއަ ދެމެދު 600 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި
މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ދިފާއީ ކުންފުނިތަައް މެދުވެރިކޮށް ސައުދީ އަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރާއި، ޚިދުމަތްތައް އެމެރިކާ އިން ފޯރުކޮށްދޭނެއެވެ.

ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު 600 ބިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓެއްގައި ސޮއި ކޮށްފި އެވެ.

ސައުދީގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން އަންގާރަ ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އާއި އެމެރިކާއާ ދެމެދު ސްޓްރެޓެޖިކް އިކޮނޮމިކް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމާ އެކު، ސައުދީ އިން އެމެރިކާގައި 600 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ހަމަޖެހި، އެއްބަސްވެފައިވާ ކަަމަށެވެ. 

އެގޮތުން، މި އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުން އެހީތެރިކަމާއި، އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހަކަތަ، ދިފާއީ ނިޒާމު، މައުދަނީ ވަސީލަތްތަކުގެ ދާއިރާ އިން އެހީތެރިކަން ދިނުން ހިމެނެ އެވެ. 

މީގެ އިތުރުން އިންފެކްޝަން ބަލިތަކާއި، ޓެކްނޮލޮޖީގެ ދާއިރާ އިން އެއްބާރުލުން ދިނުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ. 

މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް އޮތީ ދިފާއީ ދާއިރާ އަށެވެ. އެގޮތުން ދިފާއީ ދާއިރާ އިން 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. 

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ދިފާއީ ކުންފުނިތަައް މެދުވެރިކޮށް ސައުދީ އަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރާއި، ޚިދުމަތްތައް އެމެރިކާ އިން ފޯރުކޮށްދޭނެ އެވެ. 

މިދިޔަ އަހަރު އެމެރިކާ އާއި ސައުދީއާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކަށް 32 ބިލިއަން އެމެރިކާ ޑޮލަރު ވަނީ އަރައިފަ އެވެ.

ސައުދީ އިން ވަނީ 13 ބިލިއަން އެމެރިކާގެ ޑޮލަރުގެ މުދާ އެ ޤައުމަށް އެކްސްޕޯޓު ކޮށްފަ އެވެ. އަދި 19 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ވަނީ އިމްޕޯޓު ކޮށްފަ އެވެ. 

މީގެ އިތުރުން ޖައްވުގެ ދާއިރާ އިން ވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ސައުދީގެ ސްޕޭސް އެެޖެންސީ އާއި ނާސާއާ ދެމެދު އެއްބާރުލުން އިތުރު ކުރެވިގެން ދާނެ އެވެ. 

ވައިޓް ހައުސް އިން މި އެއްބަސްވުން ސިފަ ކޮށްފައި ވަނީ ވަރަށް ތާރީޚީ އަދި، އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އެއްބަސްވުމެއްގެ ގޮތުގަ އެވެ. އަދި މިއީ އެމެރިކާ އާއި ސައުދީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ރަން ޒަމާނަކަށް ގެންގޮސްދޭނެ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ސައުދީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަށް ވަޑައިގެންފައި ވަނީ އަންގާރަ ދުވަހު އެވެ.

އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ޓްރަމްޕެވެ. އަދި ސައުދީގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން އެވެ.

މެދު އިރު މައްޗަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅުގައި ސައުދީގެ އިތުރުން، ޤަތަރު އަދި ޔުނައިޓެޑު އަރަބް އެމިރޭޓްސް އަށް ވެސް ވަޑައިގަންނަވާނެ އެވެ.

- ކޮމެންޓް