އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮންނަތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓިފައި އޮތް އޮތުމަށް ވެއްޖެ އެވެ.
އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓިފައި ވަނީ، އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގަ އެވެ. އެ ފަހަރު ވަނީ 35 ދުވަހުގެ މުއްދަތަކަށް ސަރުކާރު ހުއްޓިފަ އެވެެ. އޭގެ ފަހުން ޓްރަމްޕްގެ ދެ ވަނަ ދައުރުގައި މި ވަނީ، އެ މުއްދަތަށް ވުރެ ވެސް ގިނަ ދުވަހު ސަރުކާރު ހުއްޓިފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުނ ބަޖެޓު ފާސް ކުރުމުގައި ކޮންގްރެސް އަށް ކާމިޔާބު ހޯދިފައި ނެތުމުން، ފެޑަރަލް ސަރުކާރުގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މިކަމުގެ ސަބަބުން އެތައް މިލިއަން އެމެރިޚާ ރައްޔިތުންނަކަށް އޭގެ ގެއްލުން ކުރަމުން އަންނައިރު، ކާބޯ ތަކެތި ގަތުމަށް އެހީވާ ޕްރޮގްރާމްތައް ހިމެނޭހެން ބޮޑެތި ވެލްފެއާ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވި އޮތުމުން އިތުރު ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.
މިހާތަނަށް އައިއިރު 1.4 މިލިއަނަށް ވުރެ ގިނަ ފެޑަރަލް މުވައްޒަފުން އަންނަނީ މުސާރަ ލިބުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި، ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުން ވެސް ހިމެނެ އެވެ. މި ދަތިކަން ކުރިމަތިވެފައިވާއިރު، އެކަމަށް ޙައްލު ހޯދުމަށް ކޮންްގްރެސް އިން ކުރަމުން އަންނަ މަސައްކަތުގައި، ފުރަތަމަ ފަހަރަށް ފެހި ސިގުނަލެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފިލަޑެލްފިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ސަރުކާރުގެ ހުއްޓުން ދިގު ލައިގެން ދާ ނަމަ ބޮޑެތި ހަމަނުޖެހުން ތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ފްލައިޓުތައް ލަސްވެ. ބޮޑެތި ކެންސަލް ކުރުންތަކަކާ ކުރިމަތިލާން ޖެހި، އެއާ ޓްރެފިކް ކޮންޓްރޯލް ނެތުމުން ވައިގެ ސަރަހައްދު ބަންދު ކުރަން ޖެހިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ހުއްޓިފައިވާއިރު، ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 730،000 (ހަތް ލައްކަ ތިރީސް ހާސް) މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، 670،000 (ހަ ލައްކަ ހަތް ދިހަ ހާސް) މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލެވިފަ އެވެ.