Advertisement
ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 08:55
ނިއު ޔޯކް ސިޓީގެ މޭޔަރަކަށް އިންތިޚާބު ކުރި މަމްދާނީ
ނިއު ޔޯކް ސިޓީގެ މޭޔަރަކަށް އިންތިޚާބު ކުރި މަމްދާނީ
ރޮއިޓަރސް
އެމެރިކާ
ޓްރަމްޕްއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރުމަށް ފަހު، ނިޔު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަކަށް މަމްދާނީ
އިންތިޚާބުގެ މިވަގުތުގެ ނަތީޖާ ތަކަށް ބަލާއިރު، މަމްދާނީ ވަނީ އެއް މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓު ލީ މީހުންގެ 50.3 އިންސައްތަ އެވެ. ދެ ވަނަ އަށް މިހާތަނަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ކުއޯމޯ އެވެ. އޭނާ އަށް ވަނީ އައް ލައްކަ ވޯޓި ލިބިވަޑައިގެންފަ އެވެ. އެއީ 41.6 އިންސައްތަ އެވެ.

އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ، ނިއު ޔޯކް ސިޓީގެ މޭޔަރަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޒޯރަމް މަމްދާނީ އިންތިޚާބު ކޮށްފި އެވެ.

އުމުރުން 34 އަހަރުގެ މަމްދާނީ ވަނީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. އެންބީސީ ނިއުސް، އަދި ފޮކްސް ނިއުސް އިން ވަނީ މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ހާމަ ކޮށްފަ އެވެ.

އިންތިޚާބުގައި މަމްދާނީ ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ކާޓިސް ސްލިވާ އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. ކުއޯމޯ ވަނީ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި މަމްދާނީއާ ވާދަ ކުރައްވައި ބަލިވެފަ އެވެ. އިންތިޚާބަށް ކުޑަ ތަން ވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ތާއީދު ކުއޯމޯ އަށް އޮތް ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ.

މީގެ އިތުރުން މިހާރު ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ޑިމޮކްރަޓިކް ޕާޓީގެ އެެރިކް އެޑަމްސް ވެސް ވަނީ މި އިންތިޚާބުގައި ކުއޯމޯ އަށް ތާއީދު ކުރައްވައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަނީ މޭޔަރު ކަމުގެ އިތުރު ދައުރެއް ހޯދުމަށް ކުރި މަސައްކަތް ވެސް ހުއްޓާލައްވައިފަ އެވެ.

މަމްދާނީގެ މި ކާމިޔާބީ އަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި އޭނާ ހޯދި ހައިރާން ކުރުވަނިވި ކާމިޔާބެކެވެ. އިންތިޚާބުގެ މިވަގުތުގެ ނަތީޖާ ތަކަށް ބަލާއިރު، މަމްދާނީ ވަނީ އެއް މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓު ލީ މީހުންގެ 50.3 އިންސައްތަ އެވެ. ދެ ވަނަ އަށް މިހާތަނަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ކުއޯމޯ އެވެ. އޭނާ އަށް ވަނީ އައް ލައްކަ ވޯޓި ލިބިވަޑައިގެންފަ އެވެ. އެއީ 41.6 އިންސައްތަ އެވެ.

މީގެ އިތުރުން މަމްދާނީ އަކީ ނިއު ޔޯކުގެ ތާރީޚުގައި ވެސް އެ ސިޓީގެ މޭޔަރުކަން ކުރާނެ މުސްލިމް ފުރަތަމަ މޭޔަރެވެ. ހަމަ އެހެންމެ، މި ކާމިޔާބާ އެކު މަމްދާނީ ވެގެން ދާނީ އެ ސިޓީގެ އެންމެ ޒުވާން މޭޔަރަށެވެ. މޭޔަރު ކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދެވި ކެމްޕެއިންގައި މަމްދާނީ ވަނީ، ވަރަށް ފޯރި ގަދަ އަދި ޒަމާނީ ކެމްޕެއިނެއް ވެސް ކުރައްވައިފަ އެވެ.

އިންތިޚާބުގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، މޭޔަރު ކަމަށް މަމްދާނީ އިންތިޚާބު ވެއްޖެ ނަމަ ފެޑަރަލް ސަރުކާރުން އެ ސިޓީ އަށް ދެމުން އަންނަ ފަންޑު ކަނޑާލައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. އެގޮތުން ޤާނޫނީ ގޮތުން ދޭން ޖެހޭ އެންމެ ދަށް މިންވަރުގެ ފަންޑު ފިޔަވައި، އިތުރު އެއްވެސް ފަންޑެއް އެ ސިޓީ އަށް ނުދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ.

މަސްދަރު: އެންބީސީ
- ކޮމެންޓް