ކ. މާލެ
|
11 މެއި 2025 | އާދީއްތަ 15:14
އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާ އަދި ޔުކްރެއިން އާއެކު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އޭނާ ވިދާޅުވީ ލޭއޮހޮރުވުން ނިންމުމަކަށް އައުމާ އެކު، ސަލާމަތް ވާނެ އެތައް ސަތޭކަ މީހުންގެ ފުރާނަތަކާ މެދު ވިސްނުން މުހިންމު ކަމަށް.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް ދެ ޤައުމާ އެކު ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޔުކްރެއިން އާއެކު ސީދާ މަޝްވަރާތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވުމާއި، ހަނގުރާމަ ހުއްޓާލުމަށް ހަތަރު ޤައުމެއް ލީޑަރުން މަސައްކަތް ކުރައްވަމުން އަންނަ ވަގުތެއްގައި، ޓްރަމްޕް އޭނާގެ ޓްރުޓު ސޯޝަލް ގައި ވިދާޅުވީ، މިއީ ރަޝިޔާ އަދި ޔުކްރެއިން އަށް ވެސް ވަރަށް މުުހިންމު ދުވަހަކަށް ވާނެ ކަމަށެވެ.

އެހެން ނަމަވެސް، މިއީ ކޮން ކަމަކާ ގުޅުން ހުރި ވާހަކައެއް ކަމެއް ޓްރަމްޕް ވިދާޅުވެފައި ނުވެ އެވެ. އޭނާ ވިދާޅުވީ ލޭއޮހޮރުވުން ނިންމުމަކަށް އައުމާ އެކު، ސަލާމަތް ވާނެ އެތައް ސަތޭކަ މީހުންގެ ފުރާނަތަކާ މެދު ވިސްނުން މުހިންމު ކަމަށެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ދަމުން އަންނަ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވެސް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ. އެތައް ބަޔަކު ޒަޚަމުވެފައިވާއިރު، ގިނަ އިމާރާތްތަކަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕް އަންނަނީ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންްނެވެ.

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އާއެކު ދާދި ފަހުން އޮތް ބައްދަލުވުމަކަށް ފަހު، ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ޕުޓިން އަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ޕުޓިން އަމަލު ކުރައްވަމުން އަންނަ ގޮތުގެ ސަބަބުން، އޭނާއާ މެދު ދެކޭ ގޮތް ބަދަލު ކުރަން ޖެހިދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް