ކ. މާލެ
|
11 މެއި 2025 | އާދީއްތަ 09:52
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
ރޮއިޓަރސް
އީރާން-އެމެރިކާ
ނިއުކްލިއާ ހައްގުތައް ދޫކޮށެއް ނުލާނަން: އީރާންގެ ޚާރިޖީ ވަޒީރު
އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާގެ މަޤުސަދަކީ އީރާންގެ ނިއުކްލިއާ ހައްގުތައް ނިގުޅައި ގަތުން ކަމަށް ވާ ނަމަ، އީރާނުން އެއްވެސް ހައްގަކުން ފަހަތަށް ނުޖެހޭނެ ކަމަށް.

އީރާނާއި އެެމެރިކާއާ ދެމެދު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި، އީރާނުން އޮތީ އެ ޤައުމުގެ ނިއުކްލިއާ ޙައްގު ދޫކޮށްލާ ގޮތަށް ނޫން ކަމަށް، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން މި ދެ ޤައުމުގެ ދެ މެދުގައި ބާއްވަން އޮތް މަޝްވަރާ ބައްދަލުވުން ވަނީ ކެންސަލް ކޮށްފަ އެވެ. އޮމާާން މެދުވެރި ވެގެން ކުރިއަށް ގެންދަމުން އަންނަ މި މަޝްވަރާ ބައްދަލުވުން އޭރު ފަސް ކޮށްފައި ވަނީ "ލޮޖިސްޓިކަލް" ސަބަބަކާ ހުރެ ކަމަށް ބުނެ އެވެ.

ނަމަވެސް، މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ބައްދަލުވުން ފަސް ކުރަން ޖެހުނީ އެމެރިކާގެ ސަބަބުންނެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަމެއް އެމެރިކާގެ ފަރާތުން ލިބިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި ކުރިއަށްދާ މަޝްވަރާތައް އާދީއްތަ ދުވަހު ކުރިއަށް ދާނެ ކަަމަށް ވަނީ ބުނެފަ އެވެ. 

އެކަމާ ގުޅިގެން އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާގެ މަޤުސަދަކީ އީރާންގެ ނިއުކްލިއާ ހައްގުތައް ނިގުޅައި ގަތުން ކަމަށް ވާ ނަމަ، އީރާނުން އެއްވެސް ހައްގަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ އާާދީއްތަ ދުވަހު އޮންނަ މަޝްވަރާތަކުގެ ކުރިން، ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަވަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އާދީއްތަ ދުވަހު އޮމާނަށް ވަޑައިގަންނަވާނެ އެވެ. މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުން ހަތަރު ވަނަ ބުރުގެ މަޝްވަރާގައި ސީދާ އަދި ނުސީދާ ގޮތުން ވާހަކަތައް ދެކެވޭނެ ކަމަށް ބެލެވެ އެވެ. 

އަލުން މަޝްވަރާތައް ފެށުން އޮމާންގެ ޚާރިޖީ ވަޒީރު ވަނީ މިދިޔަ ދުވަސްތަކުގައި ވަރަށް މަސައްކަތް ކުރައްވާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އާދީއްތަ ދުވަހުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައި ވަނީ އޮމާންގެ ޚާރިޖީ ވަޒީރު އެކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވުމުން ކަމަށް ވެސް ވަނީ މީޑިއާ ތަކުގައި ބުނެފަ އެވެ.

- ކޮމެންޓް