ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 13:19
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން ހިނގަމުންދާ ހަމަ ނުޖެހުންތައް ނުރައްކާވަމުން ދާއިރު ކަރާޗީ ބަނދަރުގައި ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން ހިނގަމުންދާ ހަމަ ނުޖެހުންތައް ނުރައްކާވަމުން ދާއިރު ކަރާޗީ ބަނދަރުގައި ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ
އީޕީއޭ
އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން
ޕާކިސްތާނުގެ ނިއުކްލިއަރ ހަތިޔާރާ ބެހޭ އެންމެ މަތީ މަޖިލިހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި
ޕާކިސްތާނުގެ ނިއުކްލިއަރ ކަންކަމާ ބެހޭ ނެޝަނަލް ކޮމާންޑް އޮތޯރިޓީގެ ބައްދަލުވުމެއް ބޭއްވުމަކީ ކަންކަން ނުރައްކާތެރި ހިސާބަށް ދާކަމުގެ ނިޝާނެއް ކަމަށް އެނަލިސްޓުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ފަތިހު އިންޑިއާގެ އެތައް ޓާގެޓްތަކަކަށް ހަމަލާ ދިނުމަށްފަހު، ޕާކިސްތާނުގެ ނިއުކްލިއަރ ހަތިޔާރުތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި ކަމަށް ރޮއިޓާސް އިން ހާމަކޮށްފިއެވެ.

ޕާކިސްތާނުން ހަމަލާ ދިން އިންޑިއާގެ ތަންތަނުގެ ތެރޭގައި އުތުރު އިންޑިއާގެ މިސައިލް ރައްކާކުރާ ތަނެއް ހިމެނެއެވެ.

މި ހަމަލާތަކަށްފަހު އިންޑިއާގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ޕާކިސްތާނުން ބޯޑަރު ސަރަހައްދުގައި "ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ގޯސްކުރަމުން" ގެންދަނީ ޑްރޯން އާއި އެހެނިހެން ހަތިޔާރުތައް ބޭނުންކޮށްގެން ކަމަށާއި، އެ ޤައުމުގެ "ދުޝްމަނުންގެ ރޭވުންތައް" ނައްތާލެވޭނެ ކަމަށެވެ.

އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރުގެ ޖައްމޫ ސަރަޙައްދުގައި މި ހަމަލާތަކުގައި އާންމުންގެ ފަސް މީހުން މަރުވެފައިވާ ކަމަށް އެ ސަރަޙައްދުގެ ފުލުހުން ބުނެފައިވެއެވެ.

ނިއުކްލިއަރ ހަތިޔާރު ހުރި މި ދެ އަވައްޓެރިންގެ ދެމެދުގައި ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ނުހިނގާ ފަދަ ނުރައްކާތެރި ހާލަތެއް ފެންމަތިވެފައި ވާއިރު، އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ކަންކޮޅުތަކުން މަސްރަހް ފިނިކުރުމަށް ދެ ގައުމަށްވެސް ވަނީ ގޮވާލާފައެވެ.

ޕާކިސްތާނުން ބުނެފައިވަނީ އެ ޤައުމުން އިންޑިއާ އާ ދެކޮޅަށް ހަމަލާތައް ފެށީ އިންޑިއާއިން އެ ގައުމުގެ ތިން ވައިގެ ބޭސް އަކަށް މިސައިލް ހަމަލާ ދިން ފަހުން ކަމަށާއި، އޭގެ ތެރޭގައި އިސްލާމްއާބާދު ކައިރީގައި އޮންނަ ބޭސްއެއް ހިމެނޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕާކިސްތާނުގެ ވައިގެ ދިފާޢީ ބާރުތަކުން ގިނަ މިސައިލްތައް ވައްޓާލި ކަމަށް ވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ ސިފައިންގެ ފަރާތުން އިތުރަށް ބުނެފައިވަނީ އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރާ ބެހޭ ނެޝަނަލް ކޮމާންޑް އޮތޯރިޓީގެ ބައްދަލުވުމެއް ބާއްވަން ބޮޑު ވަޒީރު ގޮވާލައްވާފައިވާ ކަމަށެވެ. މިއީ އެ ޤައުމުގެ ނިއުކްލިއަރ ހަތިޔާރުތަކާ ގުޅޭ ނިންމުންތައް ނިންމާ، މަދަނީ އަދި ސިފައިންގެ އިސްވެރިން ހިމެނޭ އެންމެ މަތީ މަޖިލީހެވެ.

ދުނިޔޭގެ ނިއުކްލިއަރ ދެ ބާރުގެ ގޮތުގައި ބެލޭ އިންޑިއާ އާ ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސްކަން ގޯހުން ގޯހަށް ގޮސް ނިއުކްލިއަރ ހަނގުރާމަ އެއް މި ދެގައުމުގެ ދެމެދުގައި ފެށިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެ ކަމުގެ ކަންބޮޑުވުން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ތަޖުރިބާކާރުން ވަނީ ފާޅު ކޮށްފައެވެ.

ޕާކިސްތާނުގެ ޕްލޭނިންގ މިނިސްޓަރު އަހްސަން އިޤްބާލް ވިދާޅުވެފައިވަނީ ދެގައުމުގެ ދެމެދުގައި ކަންކަން ގޯސްވަމުން ދިއުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އަށް ކުރިމަތިވާ އިމްތިހާނެއް ކަމުގައެވެ.

"އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ (ނިއުކްލިއަރ) މިންގަނޑު ފަހަނައަޅާ ދިއުމަކަށް،" އޭނާ ރޮއިޓާސް އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ހުކުރު ދުވަހުގެ ހެނދުނު ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރަށް ގުޅުއްވި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެ.

"އޭނާ ދެ ފަރާތަށް ވެސް ކަންކަން ފިނިކުރެވޭނެ ގޮތްތަކެއް ހޯދުމަށް އިތުރަށް ބާރުއަޅުއްވައި، ކުރިމަގުގައި ހަމަ ނުޖެހުންތައް ކުރިމަތިނުވާނެ ގޮތަށް ބިނާކުރަނިވި މަޝްވަރާތަކެއް ފެށުމަށް އެމެރިކާގެ އެހީތެރިކަން ހުށަހެޅުއްވިއެވެ،" ސްޓޭޓް ޑިޕާޓްމަންޓުގެ ސްޕޯކްސްޕާސަން ޓެމީ ބްރޫސް ރޮއިޓާސް އަށް ވިދާޅުވިއެވެ.

ކަޝްމީރާ ގުޅޭ ގޮތުން ދިގު މުއްދަތަކަށް ހަމަ ނުޖެހުމުގެ ތެރޭގައި އޮތް މި ދެ ޤައުމުން ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. މިކަން ފެށުނީ އިންޑިއާ އިން ޕާކިސްތާނުގެ އިމުގެ ތެރޭގައި ހުރި "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" ތައް ނައްތާލުމަށް ކަމަށް ބުނެ ހަމަލާ ދިނުމުންނެވެ. ޕާކިސްތާނުން ބުނެފައިވަނީ އެކަމަށް ރައްދު ދޭނެ ކަމަށެވެ.

ޕާކިސްތާނުގެ ނިއުކްލިއަރ ކަންކަމާ ބެހޭ ނެޝަނަލް ކޮމާންޑް އޮތޯރިޓީގެ ބައްދަލުވުމެއް ބޭއްވުމަކީ ކަންކަން ނުރައްކާތެރި ހިސާބަށް ދާކަމުގެ ނިޝާނެއް ކަމަށް އެނަލިސްޓުން ބުނެފައިވެއެވެ.

އިންޑިއާގެ އާމީގެ ފަރާތުން އެކްސްގައި (ކުރީގެ ޓްވިޓަރ) ޕޯސްޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ޕަންޖާބު ސްޓޭޓުގެ އަމްރިތްސަރުގެ މަތިން ގިނަ އަދަދެއްގެ ހަތިޔާރު ހަރުކޮށްފައިވާ ޑްރޯންތަކެއް އުދުހުނު ކަމަށާއި، އަދި އެ ޤައުމުގެ ދިފާޢީ ޔުނިޓްތަކުން އެ ޑްރޯންތައް ނައްތާލި ކަމަށެވެ.

ޕާކިސްތާނުގެ ޕްލޭނިންގ މިނިސްޓަރު ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ޤައުމުން ހަމަލާ ދިނުމުގައި އަމާޒުކުރަނީ އާންމު ރައްޔިތުންނަކަށް ނޫން ކަމަށާއި، ހަމައެކަނި ޕާކިސްތާނަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ތަންތަނަށް ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިފައިންގެ އޮޕަރޭޝަނުގެ ނަމަކީ "އޮޕަރޭޝަން ބުންޔާނުން މަރްސޫސް" ކަމަށެވެ. މި ނަން ނަގާފައިވަނީ ކީރިތި ޤުރުއާނުންނެވެ. މާނައަކީ ވަރުގަދަ، އެކަތިގަނޑެއް ފަދަ ސްޓްރަކްޗަރެވެ.

"ބްރަހްމޯސް ސްޓޯރޭޖް ސައިޓް ނައްތާލެވިއްޖެ،" ޕާކިސްތާނުގެ ސިފައިންގެ ފަރާތުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ. އަދި އިންޑިއާގެ ހުޅަނގު ޕަންޖާބު ސްޓޭޓުގެ ޕަތަންކޯޓު ވައިގެ ބަނދަރަށާއި އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރުގެ އުދަމްޕޫރު އެއަރ ފޯސް ސްޓޭޝަނަށް ވެސް ޕާކިސްތާނުން ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ސްރީނަގަރު އަދި ޖައްމޫގައި ގޮވުންތަކުގެ އަޑުތައް އިވި، ސައިރަންގެ އަޑު އިވިފައިވެއެވެ.

އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ލައިން އޮފް ކޮންޓްރޯލް ކައިރީގައި އޮންނަ ރަޖޯރީގައި ހިނގި ހަމަލާއެއް ގައި ސަރުކާރުގެ އިދާރާއެއްގެ އޮފިޝަލަކު ވަނީ މަރުވެފައެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އިންޑިއާ އިން އަމާޒު ކުރި ތިން އެއަރ ބޭސްގެ ތެރެއިން އެއް ބޭސް އޮތީ ވެރިރަށް އިސްލާމާބާދާ ކައިރީގައި އޮންނަ ރާވަލްޕިންޑީގެ ގެރިސަން ސިޓީގައެވެ. އަނެއް ދެ ބޭސް އޮތީ އިންޑިއާ އާ އިންވެގެން އޮންނަ ޕާކިސްތާނުގެ އިރުމަތީ ޕްރޮވިންސް ޕަންޖާބުގައެވެ.

ޕާކިސްތާނުގެ ސިފައިންގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ ވައިގެ ދިފާޢީ ބާރުތަކުން މަތަކުރި މިސައިލްތަކުގެ ތެރެއިން މަދު އަދަދެއްގެ މިސައިލްތަކެއް ސަރަހައްދުގެ އެތެރެއަށް ވަދެފައިވާ ކަމަށާއި، ފުރަތަމަ ގެއްލުމުގެ އަންދާޒާތަކުން ދައްކާ ގޮތުގައި އެއްވެސް "ވައިގެ އެސެޓަކަށް" ހަމަލާ ދެވިފައި ނުވާ ކަމަށެވެ.

އިންޑިއާއިން ބުނެފައިވަނީ ބުދަ ދުވަހު އެ ޤައުމުން ދިން ހަމަލާތަކަކީ މިދިޔަ މަހު އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރުގައި ހިންދޫ ފަތުރުވެރިންނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ޕާކިސްތާނުން ބުނެފައިވަނީ ހިންދޫ ފަތުރުވެރިންނަށް އަމާޒު ކޮށް ދިން ހަމަލާ އާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ.

ހުކުރު ދުވަހު ގިނަ ހަމަލާތައް ހިނގާފައިވަނީ އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރާއި ދެ ގައުމުގެ އިމުގެ ސަރަހައްދުގައި އޮންނަ ސްޓޭޓްތަކުގައެވެ. އިންޑިއާއިން ބުނެފައިވަނީ ޕާކިސްތާނުގެ ޑްރޯންތައް ވައްޓާލެވުނު ކަމަށެވެ.

ޖީ7 ޤައުމުތަކުން ހުކުރު ދުވަހު ވަނީ ވީހާވެސް ބޮޑަށް ރައްކާތެރިކަމަށް ގޮވާލައި، މި ދެ ޤައުމުން ސީދާ މަޝްވަރާތަކަށް އައުމަށް އެދިފައެވެ.

ހަނގުރާމަ ފެތުރެމުންދާ ކަމުގެ ނިޝާނެއްގެ ގޮތުން، ޕާކިސްތާނުގެ އިރުމަތީ ސިޓީ ލާހޯރާއި ހުޅަނގު-އުތުރުގެ ސިޓީ ޕެޝަވާރުގައި ވެސް ގޮވުމުގެ އަޑުތައް އިވިފައިވެއެވެ.

ބުދަ ދުވަހުން ފެށިގެން މަދުވެގެން 48 މީހުން މަރުވެފައިވާ ކަމަށް ދެ ގައުމުން ލަފާކޮށްފައިވާ އަދަދުތަކުން ދައްކައެވެ. ނަމަވެސް މި އަދަދުތައް މިނިވަން ފަރާތަކުން ކަށަވަރުކޮށްފައެއް ނުވެއެވެ.

- ކޮމެންޓް