ކ. މާލެ
|
11 ޖޫން 2025 | ބުދަ 14:57
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ޖައިޝަންކަރް
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ޖައިޝަންކަރް
އިންޑިއާ.ކޮމް
އިންޑިއާ ޕާކިސްތާނު ހަމަނުޖެހުން
ޕާކިސްތާނުން ހަމަލާ ދީފި ނަމަ އަދިވެސް ރައްދު ހަމަލާ ދޭނަން: ޖައިޝަންކަރު
އިންޑިއާއާ ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވައި ޖައިޝަންކަރު ވިދާޅުވީ، ޓެރަރިސްޓުން ފިލާ ތިބީ ޕާކިސްތާނުގެ ކިހާ ހިސާބަކުތޯ އިންޑިއާ އިން ނުބަލާނެ ކަމަށެވެ.

އިންޑިއާ އަށް ޓެރަރިސްޓް ހަމަލާއެއް ދީފި ނަމަ، ޕާކިސްތާނުގެ އެންމެ އެތެރޭގައި ތިބި ޓެރަރިސްޓުންނަށް ވެސް ރައްދު ހަމަލާ ދޭނެ ކަމަށް އިންޑިއާ އިން އިންޒާރު ދީފި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިހާރު ބެލްޖިއަމް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވީ، ޓެރަރިޒަމްގެ ބިރުވެރިކަމުގައި ތާއަބަދު އިންޑިއާ ނޯންނާނެ ކަމަށެވެ. އަދި ޕާކިސްތާނު ގައި އެތައް ހާސް ޓެރަރިސްޓުންނެއް ތަމްރީނުކޮށް، އިންޑިއާ އަށް ހަމަލާ ދޭން ތައްޔާރު ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ދާދި ފަހުން އިންޑިއާއާ ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވައި ޖައިޝަންކަރު ވިދާޅުވީ، ޓެރަރިސްޓުން ފިލާ ތިބީ ޕާކިސްތާނުގެ ކިހާ ހިސާބަކުތޯ އިންޑިއާ އިން ނުބަލާނެ ކަމަށާއި، ކޮންމެ ތަނެއްގައި ތިއްބަސް ހަމަލާ ދޭނެ ކަމަށެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި ޓެރަރިސްޓުން ދިން ހަމަލާގެ ރައްދުގައި އިންޑިއާ އިން ޕާކިސްތާނަށް ދިން ހަމަލާ އިން އެކަން ސާފު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޕާކިސްތާނުން އިންޑިއާ އަށް ހުށަހެޅީ މެއި މަހުގެ 10 ވަނަ ދުވަހުގެ ފަތިހު އިންޑިއާ އިން ޕާކިސްތާނުގެ އެއަރފޯސް އިން ބޭނުން ކުރާ މައި 8 އެއަރފީލްޑަށް ހަމަލާ ދިނުމުން، ޕާކިސްތާނަށް އެގައުމުގެ ހަނގުރާމަ މަތީ ޖެޓްތަކާއި ޑްރޯންތައް އުދުއްސަން ދަތިވެގެން ކަމަށެވެ. އަދި އިންޑިއާ އަށް ލިބުނު ގެއްލުމަށްވުރެ އެތައް ގުނައެއް ބޮޑު ގެއްލުން ޕާކިސްތާނަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އިން ކުރިމަތިލަނީ ގައުމަކާ ނޫން ކަމަށާއި، ޓެރަރިސްޓުންނާ ކަމަށެވެ. އަދި ކަޝްމީރުގެ މައްސަލަ ވެސް އިންޑިއާ-ޕާކިސްތާން މައްސަލައަކަށް ވަނީ ޕާކިސްތާނުން ޓެރަރިސްޓުންނަށް ވާގިވެރިވާތީ ކަމަށާއި، އިންޑިއާ އިން ތެދުވަނީ ޓެރަރިސްޓުންނާއި ޓެރަރިޒަމާ ދެކޮޅަށް ކަމަށެވެ.

- ކޮމެންޓް