އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ހިނގި ހަތަރު ދުވަހުގެ ހަނގުރާމަ ކުއްލި ގޮތަކަށް ނިމުމަކަށް ގެންނަން ދެފަރާތުން އެއްބަސްވިއެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ކަން ހިނގި ގޮތާ ބެހޭ ގޮތުން ދެ ފަރާތުން ދައްކާ ވާހަކައިގައި ބޮޑެތި ޚިލާފުތައް ހުންނަކަން ވަރަށް ބޮޑަށް އޮތީ ފާހަގަ ކުރެވިފައެވެ.
މީގެ ތެރޭން އެއް ކަމަކީ، މެއި 7 ވަނަ ދުވަހު، ހަނގުރާމައިގެ ފުރަތަމަ ދުވަހު، އިންޑިއާ އިން ޕާކިސްތާނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ 5 ހަނގުރާމަ ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނާ ބުނުމެވެ.
ހަނގުރާމައިގެ މައިދާނުގައި ހިނގި ކަންކަމުގެ ބަދަލުގައި މިހާރު ކުރިއަށް ދަނީ ބަހުގެ ހަނގުރާމައެއް ކަމަށްވާތީ، އަލްޖަޒީރާ އިން ވަނީ މި ވާހަކައިގެ ހަގީގަތް ބެލުމަށް ތަހުގީގީ ރިޕޯޓެއް ޝާއިއު ކޮށްފައެވެ.
މެއި 7 ވަނަ ދުވަހު އިންޑިއާ އިން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ 6 ސިޓީއެއްގައި ހުރި 9 ތަނަކަށް ބޮން އެޅުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ނުތަނަވަސް ގުޅުން ހަނގުރާމައިގެ ކުރިމަތިލުމަކަށް ބަދަލުވިއެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި އޭޕްރިލް 22 ވަނަ ދުވަހު، ހަނގުރާމަވެރި ގުރޫޕަކުން އިންޑިއާގެ ފަތުރުވެރިން ތަކަކަށް ދިން މަރުގެ ހަމަލާ އަށް ޖަވާބު ދިނުމުގެ ގޮތުން "ޓެރަރިސްޓުންގެ އިންފްރާސްޓްރަކްޗަރ" ކަމަށް އިންޑިއާ އިން ބުނާ ތަންތަނަށް ހަމަލާ ދިން ކަމަށް އިންޑިއާ އިން ބުންޏެވެ.
އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގަމް ގައި ހަތިޔާރު އެޅި ބަޔަކު 25 ފިރިހެން ފަތުރުވެރިންނާއި ޓުއަރގައިޑަކަށް ކުރި މީހާ މަރާލިއެވެ. މިކަމާ ގުޅިގެން އިންޑިއާގައި ރުޅިވެރިކަމާއި ބަދަލުހިފުމުގެ ޝުއޫރުތައް އިތުރުވިއެވެ. މި ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިންނަށް ޕާކިސްތާނުން އެހީތެރިވެދޭ ކަމަށް ނިއު ދިއްލީން ބުނެ، އިސްލާމާބާދަށް ތުހުމަތުކުރިއެވެ. ނަމަވެސް ޕާކިސްތާނުން މި ތުހުމަތުތަކަށް ދެކޮޅުހަދައި ދޮގު ކުރިއެވެ.
މެއި 7 ވަނަ ދުވަހު އިންޑިއާގެ ބާރުތަކުން ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ދެ ސިޓީ އަކަށާއި ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ 4 ތަނަކަށް ހަމަލާދިން ކަމަށް ޕާކިސްތާނުން ބުންޏެވެ. މި ހަމަލާތަކުގައި އާންމު ރައްޔިތުން މަރުވި ކަމަށްވެސް ޕާކިސްތާނުން ބުންޏެވެ. އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގް ޕާކިސްތާނުގެ މި ވާހަކަތައް ދޮގުކުރައްވާ، އިންޑިއާގެ ބާރުތަކުން "ހަމަލާދިނީ ހަމައެކަނި އިންޑިއާގެ މައުސޫމު ބަޔަކަށް ގެއްލުންދިން ފަރާތްތަކަށް" ކަމަށް ތަކުރާރުކޮށް ވިދާޅުވިވެ.
ޖެހިގެން އައި 4 ދުވަހުގެ ތެރޭގައި، ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ މި ދެ އަވައްޓެރިން އެއްބަޔަކު އަނެއް ބައެއްގެ އެއަރބޭސްތަކަށް ހަމަލާދޭން ފެށިއެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ ސަރަހައްދަށް ހަނގުރާމަމަތީ ޑްރޯން ފޮނުވަން ފެށިއެވެ.
ނިއުކްލިއަރ ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިގެން ދިޔަ މި ދަނޑިވަޅުގައި، އެމެރިކާގެ އިސް އޮފިޝަލުން އިންޑިއާ އާއި ޕާކިސްތާނުގެ އޮފިޝަލުންނަށް ގުޅައި، ހަނގުރާމަ ނިންމާލުމަށް ގޮވާލިއެވެ.
މެއި 10 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވީ، ދެ ޤައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުކަށް ގެނައުމަށް ވޮޝިންގްޓަނުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. ފުރަތަމަ ކޮޅު ދެފަރާތުންވެސް އެއްބަސްވުމާ ޚިލާފުވާ ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރި ނަމަވެސް، މިހާތަނަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓިފައިވެއެވެ.
އަންގާރަ ދުވަހު ޕާކިސްތާނުން ބުނީ އިންޑިއާގެ ހަމަލާތަކުގައި މަދުވެގެން 51 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 11 ސިފައިންނާއި އެތައް ކުޑަކުދިންނެއް ހިމެނެއެވެ. އިންޑިއާ އިން ބުނެފައިވަނީ ހަމަލާތަކުގައި މަދުވެގެން 5 ސިފައިންނާއި 16 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށެވެ.
މެއި 7 ވަނަ ދުވަހުގެ ހަމަލާތަކުގެ ކުޑައިރުކޮޅެއް ފަހުން އަލްޖަޒީރާ އަށް ވާހަކަ ދައްކަވަމުން، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރ އަތާއު ﷲ ތަރާރު ވިދާޅުވީ، ބަދަލުހިފުމުގެ ގޮތުން އިސްލާމާބާދުން އިންޑިއާގެ 5 ޖެޓް މަތިންދާބޯޓާއި، އެއް ޑްރޯނާއި، އެތައް ކުއަޑްކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށެވެ.
އޭގެ ފަހުން ހަމަ އެ ދުވަހު، ޕާކިސްތާނުގެ ސިފައިންގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ބުނީ ހުރިހާ ބޯޓެއްވެސް ވައްޓާލާފައިވަނީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ކަމަށާއި، ހަމަލާތައް ދިނުމުގައި ދެ ފަރާތުގެ އެއްވެސް މަތިންދާބޯޓެއް އަނެއް ފަރާތުގެ ސަރަހައްދަށް ވަދެފައިނުވާ ކަމަށެވެ. އެއްވެސް ބައެއްގެ ބޯޓެއް އަނެއް ގައުމުގެ ސަރަހައްދަށް ނުވަންނަ ކަމަށް ޕާކިސްތާނުން ބުނާ ވާހަކަ އަށް އިންޑިއާ އިން ވެސް ތާއީދުކުރިއެވެ.
"އިންޑިއާ އަދި ޕާކިސްތާނަކުން ވެސް އެ ފަރާތެއްގެ ޤައުމީ ވައިގެ ސަރަހައްދު ހުރަސް ކޮށް އޭގެ ބޭރަށް މަތިންދާބޯޓު ފޮނުވަން ޖެހޭނެ ބޭނުމެއް ނެތް،" އިނގިރޭސިވިލާތުގެ ދިފާއީ ކަންކަން ދިރާސާވެރިއެއް ކަމަށްވާ މައިކަލް ކްލާކް އަލްޖަޒީރާ އަށް ބުންޏެވެ.
އެއީ އެބައެއްގެ ވައިގެ ސަރަހައްދުގެ ތެރޭގައި ތިބިގެން އަނެއް ގައުމުގެ ބޭނުންވާ ޓާގެޓަށް ހަމަލާ ދެވޭފަދަ ގާބިލުކަން ދެ ގައުމުގައިވެސް ހުރުމުން ކަމަށް ކިންގްސް ކޮލެޖް ލަންޑަންގެ ވޯ ސްޓަޑީޒް ޑިޕާޓްމަންޓުގެ ވިޒިޓިންގ ޕްރޮފެސަރެއް ކަމަށްވާ ކްލާކް އިތުރަށް ބުންޏެވެ.
ހުކުރު ދުވަހު، ޕާކިސްތާނުގެ ވައިގެ ބާރުގެ ވައިސް މާޝަލް އައުރަންގްޒޭބް އަހްމަދު ބުނީ ވައްޓާލި 5 މަތިންދާބޯޓުގެ ތެރޭގައި 3 ރަފާލް ޖެޓާއި، މިގް-29 ގެ ބޯޓަކާއި އަދި އެސްޔޫ-30 ގެ ބޯޓެއް ހިމެނޭ ކަމަށެވެ. އަދި މި ބޯޓުތަކުގެ އިލެކްޓްރޯނިކް ސިގްނޭޗަރ ތަކާއި، ބޯޓުތައް ވެއްޓުނު ސަރަހައްދުތަކުގެ ކޯޑިނޭޓްތައްވެސް އޭނާ ހާމަކުރިއެވެ.
ހަތަރު ދުވަހުގެ ހަނގުރާމައިގައި ޕާކިސްތާނުން ހިންގި އޮޕަރޭޝަން ތަކުގެ ޑެޕިއުޓީ ޗީފް ގެ ގޮތުގައި ހަރަކާތްތެރިވި އަހްމަދު ނޫސްވެރިންނަށް ބުނީ ޕާކިސްތާނާއި އިންޑިއާގެ ޖެޓްތަކުގެ މެދުގައި ހިނގި ހަނގުރާމަ ދެމިގެން ދިޔައީ ގާތްގަނޑަކަށް އެއް ގަޑިއިރަށްވުރެ ކުޑަ އިރުކޮޅެއް އިތުރަށް ކަމަށެވެ.
އޭނާ ބުނީ މި ހަނގުރާމައިގައި އިންޑިއާގެ މަދުވެގެން 60 މަތިންދާބޯޓު ބައިވެރިވި ކަމަށެވެ. މީގެ ތެރޭގައި ފަރަންސޭސި ވިލާތުގެ އުފެއްދުމެއް ކަމަށްވާ 14 ރަފާލް ޖެޓް ހިމެނެއެވެ. އަދި ޕާކިސްތާނުން 42 "ހައި-ޓެކް މަތިންދާބޯޓު" ބޭނުންކުރި ކަމަށް ބުންޏެވެ. މީގެ ތެރޭގައި އެމެރިކާގެ އެފް-16 އާއި ޗައިނާގެ ޖޭއެފް-17 އަދި ޖޭ-10 ހިމެނެއެވެ.
ޗައިނާގެ ސަރުކާރުގެ ނިއުސް އައުޓްލެޓެއް ކަމަށްވާ "ދަ ގްލޯބަލް ޓައިމްސް" ގައި ޕާކިސްތާނުން އިންޑިއާގެ ޖެޓްތައް ވައްޓާލި ކަމަށް ލިޔުމުން، ޗައިނާގައި ހުންނެވި އިންޑިއާގެ އެމްބަސީން މި ރިޕޯޓު ސިފަކުރީ "ދޮގު މަޢުލޫމާތު" ގެ ގޮތުގައެވެ.
ނަމަވެސް، އެއަށްވުރެ އިތުރަށް ނިއު ދިއްލީން މި ރިޕޯޓުތައް ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ. އަދި ދޮގު ކޮށްފައެއް ވެސް ނުވެއެވެ.
ޕާކިސްތާނުން އިންޑިއާގެ ޖެޓްތައް ވައްޓާލި ކަމަށް ބުނާ ބުނުމާ ގުޅޭގޮތުން އަލް ޖަޒީރާ އިން ސީދާ ސުވާލުކުރުމުން، އިންޑިއާގެ ޑައިރެކްޓަރ ޖެނެރަލް އޮފް އެއަރ އޮޕަރޭޝަންސް އޭކޭ ބާރަތީ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
"އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ ހާލަތެއްގައި. އަދި ގެއްލުންތައް ލިބުމަކީ އޭގެ ބައެއް،" އޭނާ ބުންޏެވެ. "ތަފްސީލުތަކާ ގުޅޭގޮތުން، މިވަގުތު އަޅުގަނޑު އެއްޗެއް ބުނަން ބޭނުމެއް ނުވޭ. އަޅުގަނޑުމެން އަދިވެސް ހަނގުރާމައިގައި މިތިބީ. އަދި އަދުއްވުންނަށް ފައިދާއެއް ވާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެންގެ ހުރިހާ ޕައިލެޓުންވެސް މަންޒިލަށް އެނބުރި އައިސްފި."
ރަސްމީ ބަޔާންތަކުގެ އިތުރުން، ޕާކިސްތާނުން ޖެޓް ތައް ވައްޓާލި ކަމަށް ބުނާ ބުނުމާ ގުޅޭގޮތުން ގައުމީ އަދި ބައިނަލްއަޤްވާމީ މީޑިއާތަކުން ތަފާތު ވާހަކަތައް ރިޕޯޓުކޮށްފައިވެއެވެ.
އަލްޖަޒީރާ އަށް ވާހަކަދެއްކި އިންޑިއާގެ ސެކިއުރިޓީ މަސްދަރަކުން ބުނެފައިވަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް 3 ހަނގުރާމަމަތީ ޖެޓް ވެއްޓިފައިވާ ކަމަށެވެ.
އެ ވަސީލަތްތަކުން މި މަތިންދާބޯޓުތަކަކީ ކޮން ޤައުމެއްގެ މަތިންދާބޯޓު ތަކެއްކަން ކަށަވަރު ކޮށްދީފައެއް ނުއް ނުވެއެވެ. ނަމަވެސް، ޕާކިސްތާނުގެ މަތިންދާބޯޓުތައް އިންޑިއާގެ އެއަރ ސްޕޭސް އަށް ވަދެފައިވާ ކަމަށް އެއްވެސް ފަރާތަކުން ބުނެފައިނުވާތީ، އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުން ފުނުނު މަތިންދާ ބޯޓުގެ ބައެއް އެއީ އިންޑިއާގެ ބޯޓެއްގެ ބަޔަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރުކާރުގެ 4 މަސްދަރަކާ ހަވާލާދީ ރޮއިޓަރސް ނިއުސް އޭޖެންސީން ވެސް ރިޕޯޓު ކޮށްފައިވަނީ، އެ ސަރަހައްދަށް ހަނގުރާމަމަތީ ތިން ޖެޓް ވެއްޓިފައިވާ ކަމަށެވެ.
ސީއެންއެންގެ ރިޕޯޓުތަކުގައި ބުނެފައިވަނީ މަދުވެގެން 2 ޖެޓް ވެއްޓިފައިވާ ކަމަށެވެ. އަދި ފްރާންސްގެ ވަސީލަތަކުން ސީއެންއެން އަށް ބުނެފައިވަނީ މަދުވެގެން އެއް ރަފާލް ޖެޓް ވައްޓާލާފައިވާ ކަމަށެވެ.
އޭޕީ ނިއުސް އޭޖެންސީގެ ނޫސްވެރިން ނަގާފައިވާ ފޮޓޯތަކުން އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓުގައި މަތިންދާބޯޓެއްގެ ބައިތަކެއް ފެންނަން ހުރިކަން ފާހަގަ ކުރެވެއެވެ.
ދިރާސާ ކުރާ ފަރާތަކުން އަލް ޖަޒީރާ އަށް ބުނި ގޮތުގައި އިންޑިއާ އިން ރަފާލް ޖެޓެއް ގެއްލިފައިވާ ނަމަ، އެއީ "ލަދުވެތިވާންޖެހޭ" ކަމެކެވެ.
"އިންޑިއާގެ ޖެޓެއް އިންޑިއާ ސަރަހައްދަށް ވެއްޓިފައިވާނަމަ، އިންޑިއާ އިން ބޭނުން ވާނީ ވީހާވެސް ގިނަ ދުވަހަކު އެކަން ހަމައެކަނި ދެކެވޭ ވާހަކައެއްގެ ގޮތުގައި ބޭއްވުމަށް،" އޭނާ އިތުރަށް ބުންޏެވެ.
އިންޑިއާ އިން ބުނެފައިވަނީ ހަނގުރާމައިގައި 'ގެއްލުންތައް' ލިބުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. އެއީ ބޯޓެއް ވެއްޓުނޭ ބުނުމާ އެންމެ ގާތައް އިންޑިއާ އަށް ބުނެވޭނެ އެންމެ ބޮޑު މިންވަރު ކަމަށް ވެސް ތަޖުރިބާކާރުން ދެކެއެވެ.