ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީ ކުރި މުލީ އެއަރޕޯޓް އާއްމު ދަތުރުތަކަށް ހުޅުވާލައިފިއެވެ.
ބުރާސްފަތި ދުވަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ވަނީ، މުލީ އެއަރޕޯޓުގެ ކޮމާޝަން އޮޕަރޭޝަންތައް ފެށުމަށް އެތެރޭގެ ދަތުރުތައް ކުރުމަށް މޯލްޑިވިއަން، ވިލާގެ އިތުރުން، މަންތާ އެއަރލައިނަށް ފުރުސަތު ހުޅުވާލާފައެވެ.
މުލި އެއަރޕޯޓު ރަސްމީކޮށް ހުޅުވުން ސަރުކާރުން ވަނީ ފަސްކޮށްފައެވެ. ސީދާ ސަބަބެއް ހާމަ ކޮށްފައިނުވެއެވެ. މޭ މަހުގެ 1 ގައި، ނުވަތަ އެޕްރީލް 30 ގައި އެއަރޕޯޓު ރަސްމީކޮށް ހުޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވެއެވެ.
މުލި އެއަރޕޯޓުގައި ޓެސްޓު ފްލައިޓް ޖައްސާފައިވަނީ 25 އޭޕްރިލް 2025 ގައެވެ.
މުލީ އެއަރޕޯޓް އާއްމު ދަތުރުތަކަށް ހުޅުވާލުމާ ގުޅޭގޮތުން އެރަށުގެ ކައުންސިލުން ބުނީ، މިއީ އެރަށަށް ލިބުނު ތަރައްގީގެ ކުރިއެރުމެއް ކަމަށާއި، ރައްޔިތުންތަކެއް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި ދަތުރުފަތުރަށް މީގެ ކުރިން ދިމާވި ދަތި އުދަނގޫތަކަށް ހައްލު ލިބިގެންދާނެ ކަަމަށް ކައުންސިލުން ބުނެއެވެ.
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި މުލީގައި އެއަރޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގަ އެވެ.
މި މަޝްރޫއުގެ ދަށުން 17 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމްކޮށްފައިވާއިރު، ޓެކްސީވޭއަކާއި އޭޕްރަންއެއް އަޅާފައިވެ އެވެ.
މި މަޝްރޫއަށް 212 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.