ކ. މާލެ
|
4 މެއި 2025 | އާދީއްތަ 09:25
ޔަމަންގެ ބޮޑު ވަޒީރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި އަޙުމަދު އަވާދް ބިން މުބާރަކް
ޔަމަންގެ ބޮޑު ވަޒީރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި އަޙުމަދު އަވާދް ބިން މުބާރަކް
ރޮއިޓަރސް
ޔަމަންގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވުން
ޔަމަންގެ ބޮޑު ވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމުން، އައު ބޮޑު ވަޒީރަކަށް މާލީ ވަޒީރު
ބޮޑު ވަޒީރު ކަމުގެ މަޤާމުން މުބާރަކް އިސްތިއުފާ ދެއްވުމާ އެކު، ބޮޑު ވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ އެ ޤައުމުގެ މާލީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ސާލިމް ޞާލިޙް ބިން ބުރައިކް އެވެ.

ޔަމަންގެ ބޮޑު ވަޒީރުކަމުގެ މަޤާމުން، އަޙުމަދު އަވާދު ބިން މުބާރަކް އިސްތިއުފާ ދެއްވައިފި އެވެ.

މަޤާމުން އިސްތިއުފާ ދެއްވައި، މުބާރާކް ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި މުބާރަކް ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމުގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނީ، ސަރުކާރު ހިންގުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ. އެގޮތުން ސަރުކާރުގެ މަސައްކަތްތަކުގައި ގިނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.

މުބާރަކް އަކީ ޔަމަންގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާރިޖީ ވަޒީރު ކަމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ 2018 ވަނަ އަހަރު އެވެ.

އޭގެ ފަހުން ބޮޑު ވަޒީރު ކަމުގެ މަޤާމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަހަރަކާ ދުވަސް ކޮޅެއް ވަންދެން މަޤާމުގައި ހުންނެވުމަށް ފަހު މުބާރަކް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އާއި ޔަަމަންގެ ރިޔާސީ ކައުންސިލްގެ އިސްވެރިޔާއާ ދެމެދު ނުތަނަވަސްކަން އުފެދި، ދެބަސްވުންތަކެއް އޮތް ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ބޮޑު ވަޒީރު ކަމުގެ މަޤާމުން މުބާރަކް އިސްތިއުފާ ދެއްވުމާ އެކު، ބޮޑު ވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ އެ ޤައުމުގެ މާލީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ސާލިމް ޞާލިޙް ބިން ބުރައިކް އެވެ. ޔަމަންގެ ރިޔާސީ ކައުންސިލުން ވަނީ ހޮނިހިރު ދުވަހު އެކަން އިއުލާން ކުރައްވާފައި އެވެ.

- ކޮމެންޓް