ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ސަރަހައްދުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅެމާއި ގުޅިގެން ހުކުރުދުވަހުގޭ ކުރިއަށްދިޔަ އިހްތިޖާޖް ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ ޤާނޫނު ނަންބަރ: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، މި މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތަކަކީ ހެންވޭރު ކާނިވާ ސަރަހައްދު، ރަސްފަންނު ސަރަހައްދު، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އަދި އުސްފަސްގަނޑު ސަރަހައްދު އެވެ.
މިގޮތަށް ކަނޑައެޅުމާއި ގުޅިގެން ޒުވާނުން އިސްވެ ކުރިއަށްގެންދާ މުޒާހަރާތައް ވަނީ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ. މިގޮތަށް އެއްވެއުޅުމާއި ޚިޔާލު ފާޅުކުުރުމުގެ މިނިވަން ކަމަށް މިސަރުކާރުން ހުރަސް އެޅިކަމުގައިވީ ނަމަވެސް މުޒާހަރާތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ ސުލްހަވެރި އެއްވުމުގެ ތެރެއިން ފުލުހުންގެ ބާރުގެ ބޭނުންކޮށް ވަނީ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ހައްޔަރުކޮށް ބަންދަށް ތިން ދުވަސް ޖަހާފައެވެ. އަބްދުﷲ މަހްޒޫމް މާޖިދު އަދި އައިޝަތު ޝިމަން އަހްމަދު ހައްޔަރުކުުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ އެކަން ކުށްވެރިކޮށް މި ދެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެއެވެ.