ޒުވާނުންގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ހައްޔަރަށް ގެންދިޔަ އަބްދުﷲ މަހުޒޫމް މާޖިދު އަދި އައިޝަތު ޝިމަންގެ ބަންދަށް ދައުލަތުން އެދުނު ގޮތާއި ޙިލާފަށް 3 ދުވަސް ޖަހައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން މަހްޒޫމް އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުކޮށް، މަހުޒޫމު މާޖިދަށް އިތުރު 15 ދުވަސް އެދި، ހައްޔަރުކުރީ އިންޒާރު ދިނުމައްފަހު ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން އަދި ފުލުހަކަށް ހަމަލާދޭން އުޅުމުން ކަމަށް ދައުލަތުން ވަނީ ބަޔާންކޮށްފަ އެވެ. ޝިމަންގެ ދިފާއުން ފާހަގަކޮށްފައިވަނީ މިއީ 15 ދުވަސް ޖަހަންޖެހޭ ކަމެއްނޫންކަމަށެވެ.
މި ދެމީހުންގެ ބަންދަށް ތިން ދުވަސް ކަނޑައަޅާފައިވަނީ ދައުލަތުން ސާބިތުކޮށްނުދޭ ނުކުތާއެއްގެ މައްޗައް ކަމަށާއި މަހްޒޫމު އަދި ޝިމަންއަކީ މުޖުތަމައަށް ނުރައްކަލެއް އޮތް ބޭފުޅުންކަމަށް ދައުލަތުން ބުނި ބުނުމަށް ރިއާޔަތްކޮށެވެ.
މަޙްޒޫމް ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝިމަން އަދި މަޙްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދަނިކޮށް ފުލުހުން އެމީހުންނާއި ދިމާލަށް އައިސް ހަމަނުޖެހުން އުފައްދަން މަސައްކަތް އެހަމަނުޖެހުމުގެ ތެރޭގައެވެ.
ނަމަވެސް އެއްވެސް މަންޒަރަކުންވެސް މި ދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަންމަންތެރިކަން ދެއްކި މަންޒަރެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަޙްޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމަން އަދި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަޙްޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލެއްވެސްމެ އެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެ އެވެ.
އަދި ޝިމަން ހައްޔަރަށް ގެންދިޔައީ ފުލުހުންގެ ބާރުގެ ބޭނުންކޮށްގެންނެއެވެ. އެވަގުތު އަނިޔާވާ ކަމަށް ޝިމަން ބުނަމުންދާ މަންޒަރުވެސް ފެނެއެވެ.
ޝިމަން އަދި މަހްޒޫމް ވަގުތުން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އެކި މަގުތަކުގައި އަޑު އުފުލާފައިވެއެވެ.