ގޮތްނޭނގޭ އަނިޔާވެރި ރަހުމްކުޑަ މަރުތަކެއް ދާކަމުގައިވާނަމަ އެއީ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި އަހަރަކީ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަންޖެހޭ އަހަރެއް ކަމަށެވެ. ނަމަވެސް ކަންކަން ހުރި ގޮތުން އެކަމެއް ނުކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުގައި ބޭއްވި މުޒާހަރާއަށް ވެސް ހުރަސް އަޅާފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. މީގެ އިތުރުން އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށްގެންދާ މުޒާހަރާ އަކީ އެއްވެސް ހާލެއްގައި ސިޔާސީ މުޒާހަރާއެއް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ ޒުވާނުން މުޒާހަރާ ކުރަމުންދަނީ އިންސާނީ ހައްގުތައް ހޯދުމަށް އަޑުއުފުލުމުގެ ގޮތުން ކަމަށެވެ. އަދި ޔުމްނުއަށް ލިބުނު އަނިޔާގައި ޒުވާނުން ބޭނުންވަނީ އޭނާއަށް ހައްގު ހޯދައިދޭން ކަމަށާއި، ގޯސްހެދި މީހުން ޖަވާބުދާރީ ކުރުމަށް ކަމަށެވެ.
އެހެންވީމަ އެއީ އެމީހުންނަށް ޖާއިޒު އެމީހުން ކުރަންޖެހޭ ކަމެއް. ނުކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫން. އެ އަޑު އުފުލަންޖެހޭ. އެއީ މި ސަރުކާރަކީ އިސްވެ އެކަންކުރާނެ ސަރުކާރެއް ނޫން. މި ސަރުކާރުން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ދެއްވީ ވަރަށް ދެސީ ވަރަށް ހިތްނުތަނަވަސްވާ ކަހަލަ ޖަވާބެއް. ޒުވާނުން މަޖާކުރުމުގައި ހިނގާ ކަންކަމުގެ ތެރޭގައި ދިމާވާ ބަދުނަސީބު ކަންކަމަށް ތިމަންނަ ފިޔަވަޅެއް ނާޅާނަމޭ. އެހެންތާ ވާނީ. މީގެ ދީބާޖާއެއް އެބައޮތް. މީގެ ކުރިން ބެލްކަނިން އެއްލާލާ ޒުވާންކުއްޖަކު މަރުވެއްޖެ. ބެލްކަނިން ވެއްޓި މަރުވެއްޖެ. އަޅުގަނޑުމެން މިތާގައި މިވަރަށް އެވާހަކަ ދައްކާ ހުރިހާކަމެއް ކުރި އިރުވެސް ރައީސް މުއިއްޒު ހިޔެއް ނުވޭ ކަހާ ތަނެއް ހިރުވާލާހެންވެސް. ދެން ޕޮލިސް ކޮމިޝަނަރު، މިހާރު އިސްތިއުފާދިނީ އޭނާއަށް އުނދަގޫވާވަރަށް ކަންކަން ދިޔައީމާ. މިމީހުންނަށް ހިޔެއްނުވޭ މިއީ ބޮޑެތި ކަންތަކެއްކަން. އެކަމަކު ދިވެހިރާއްޖޭގައި ގޮތްނޭނގޭ އަނިޔާވެރި ރަހުމްކުޑަ މަރުތަކެއް ދާކަމުގައިވާނަމަ އެއީ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެކަމެއް ނޫން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
ޔާމީން ވިދާޅުވީ ޔުމްނު މައްސަލައިގައިވެސް ފުލުހުން ދެއްކީ ވަރަށް ދޭސީ އަދި ކާޕެޓް ދަށަށް އެއްލާލާކަހަލަ ވާހަކަތެއް ކަމަށެވެ. ދެން ދައްކަމުންދާ ބަޔާންތައް އެއްބަޔާންތައް ފުށު އަރާ ކަމަށާއި، ދެންހުރި ކަންތަކަކާއި ބަޔާންތަކާއި ސީދާ ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަސައްކަތްތެރިންގެ ހައްގަށް ވަކާލާތުކުރަން ބޭއްވި އިހުތިޖާޖުވެސް ތިން ހަތަރު ދިމާލުން ފުލުހުން ހުއްޓުވި ކަމަށެވެ. ޔާމީން ވިދާޅުވީ މިއީ ގާނޫނު އަސާސީގައި ދިވެހިރައްޔިތުންނަށް ދީފައި އޮންނަ ހައްގުތައް ނޫން ކަމަށާއި، މުޒާހަރާއެއް ހުއްޓުވާ މީހުންގެ އަޑު ހުއްޓުވަންޖެހޭނީ ގާނޫނާއި ހިލާފުކަމެއް ހިނގާނަމަ ކަމަށެވެ.
މީހުންގެ މުދަލެއް ގެއްލުން ލިބޭކަމުގައިވާނަމަ ނުވަތަ އެހެންކަންތައްކެއް އުފެދިގެން ތަންތަން ރޯކޮށް ބޮޑެތި އަނިޔާވެރި ގާނޫނާއި ހިލާފު ކަންތައްތަކެއް ހިނގާކަމުގައިވާނަމަ އެކަންކަމާއި ދޭތެރޭގައި ފިޔަވަޅު އަޅަންވީ. އެހެންނޫންނަމަ މިއީ ގާނޫނުއަސާސީގެ ދަށުން ލިބިފައި އޮންނަ ރައްޔިތުންގެ ބާރަކަށް ފުލުހުން ގާނޫނާއި ހިލާފަށް ހުރަސް މިއަޅަނީ. އެއީ ކުރެވޭނެ ކަމެއް ނޫން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
ޔާމީން ވިދާޅުވީ ރައީސްއަކަށް ހުންނަވާ ބޭފުޅަކު ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރުމަކީ ތަބީއީ ގޮތުން ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ސުއްނަތަށް އަދި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރުގައި އެއީ ރައީސް މުއިއްޒުއަށް ކުރަން ލާޒިމްކަމެއް ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ ރައީސް މުއިއްޒުގެ 5 އަހަރު ނިމި އެހެންމީހަކު އަންނަ އިރުގައި މިހާރުތިބި މީހުންލާނެ ޖަލުތަކެއްވެސް ނުހުންނާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ސަރުކާރުގައި ތިބީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވި ބޮޑެތި ޖިނާއީ އަދަބުތައް އަންނާނެ މީހުން ކަމަށާއި، އެހެންކަމުން ހިނގައިދިޔަ ކަންތަކަށް ފަސްއަޅަން ދެވަނަ ދައުރެއް ހޯދަންޖެހޭނެ ކަމަށެވެ.