ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ ކުރިއަށްގެންދާ "ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތައް ފުރިހަމަ ނުވަނީސް ގެޔަށް ނުވަންނާނެ ކަމަށް ބުނެ އަޑު އުފުލައިފި އެވެ.
ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ އިހްތިޖާޖުގައި ވަނީ މިމުޒާހަރާތަކަކީ އިންސާފް ހޯދުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އިހްތިޖާޖްތަކެއް ކަމަށާއި ސަރުކާރަށްކޮށްފައިވާ ޑިމާންޑްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޒާހަރާގެ ބައިވެރިންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ކުރިއަށްގެންދާ އިންވެސްޓިގޭޝަން މިނިވަން ކަމާއި އެކު ކުރިއަށް ގެންދިއުމަށާއި،މިމައްސަލާގައި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތައް ހައްޔަރުކޮށް ޕްރޮސެކިއުޓްކުރުމާއި، ފުލުހުން ދޮގު ހެދުން ހުއްޓާލާ، މިހާދިސާގެ ރަނގަޅު މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން، މުއްސަނދިންގެ ދަރިންގެ ދިފާއުގައި ފޮރުވައިގެން އިންވެސްޓިގޭޓް ނުކޮށް ހާމަކަން ބޮޑު ގޮތެއްގައި އިންވެސްޓިގޭޓް ކުރުމަށް ވަނީ ޑިމާންޑްކޮށްފަ އެވެ.
އަދި ފުލުހުންގެ ފަރާތުން ޕަބްލިކް އެޕޮލޮޖީއެއް ބޭނުންވާ ކަމަށާއި، މި މައްސަލައިގައި ފުލުހުން އަމަލު ކޮއްފައިވާ ގޮތުގެ އިންޑިޕެންޑެންޓް އިންކުއަރީ އެއް ކުރުމާއި، ދާއޫދާއި ދެންވެސް މިކަމުގައި ޝާމިލްވާ ސަރުކާރުގެ މަޤާމުތަކުގައި ތިބި އެންމެން މަޤާމުން ވަކިކޮށް، ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިސްތިއުފާ ދިނުމަށާއި ހޯމް މިނިސްޓަރ އަލީ އިހްސާން އިސްތިއުފާ ދިނުމަށް މި ދިހަ ޑިމާންޑްގެ ތެރޭގައި ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާއަށް ކުރި ޑިމާންޑާއި އެކު އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން މިކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށް ވަނީ އިތުރު 10 ދުވަސް ބަންދަށް ޖަހާފައެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާކޮށް، އަޑުއުފުލަން ފެށުމުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. ނަމަވެސް ފުލުހުން ހިއްސާކުރަމުންދިޔަ މައުލޫމާތުތަކުގައި ދޮގުތަކެއް އެކުލެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.
އަދި ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް، "ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެއް އުފައްދަވައި، ކޮމިޝަނުގެ ރައީސަކަށް ޑރ މުނައްވަރު ވަނީ އައްޔަންކުރައްވައިފާ އެވެ. މިކޮމިޝަނަށްވެސް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިންނާއި ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.