ކ. މާލެ
|
25 އޭޕްރިލް 2025 | ހުކުރު 07:49
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ފުލުހުންގެ އަހަރީ ދުވަސް
ފުލުހުންގެ މުއައްސަސާއިން މަޢުލޫމާތު ޙިއްޞާކުރަނީ ލަހުން ކަމަށް ރައީސް މުއިއްޒު ޤަބޫލުފުޅު ކުރައްވައިފި
އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރޭ
ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް އެދިވަޑައިގެންނެވި

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ލަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިިއްޒު ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ މިވާހަކަފުޅުން ފުލުހުން މައުލޫމާތު ހިއްސާކުރުމުގައި ލަސްތަކެއްވާ ކަމަށާއި ރައްޔިތުންގެ އިިތުބާރު ފުލުހުންގެ މުއައްސަސާއަށް ގެއްލިފައިވާކަން ދޭހަވެއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް އެ މަޢުލޫމާތެއް ޙިއްޞާކުރުމަށެވެ. އަދި ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ގެނެސްދިނުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމަށާއި، ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި، ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މަޢުލޫމާތު ފެތުރުންވެސް ދުރުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށެވެ. އަދި އެގޮތަށް ފުލުހުންގެ މުއައްސަސާ ކުރިއަށްގެންދިއުމުގައި އަދި ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަޚުރެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅު މިމޭރުމުން ހުރި އިރު، މިމަހުގެ 18 ވަނަ ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާއާއި ގުޅިގެން ފުލުހުން ތަހްޤީޤް ކުރަމުންދާ މިމައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އަދި އެތައް ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް ކުރިމަތުވެފައިވާއިރު، ދުލެއް ނުކުރާނަން މިނަމުގައި ޒުވާނުން ގެންދަނީ ފުލުހުންގެ އިދާރާ ކައިރީގައި އިހްތިޖާޖް ކުރަމުންނެއެވެ.

އަދި ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއުވެސް ވިދާޅުވެފައިވަނީ މިމައްސަލާގައި މައުލޫމާތު ހިއްސާކުރުން ލަސްވެފައިވާ ކަމަށާާއި މައްސަލަ ތަޙްޤީޤް ކުރުމަށްވެސް ލަސްތަކެއް ވެފައިވާ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

- ކޮމެންޓް