ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވް ނުކުރަން ނިންމުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝައްމާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝައްމާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ހުޒައިފާ މުހައްމަދު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ. 10 އޭޕްރިލްގައި އެ މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމަކީ އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ.
ޝައްމާންގެ އާއިލާއިން މިފަދައިން ބުނި ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީ އަށް ވިދާޅުވީ މި މައްސަލަ ލައިވް ކުރަން އެއްވެސް އިރެެއްގައި ނިންމާފައި ނުވާ ކަމަށެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ލައިވް ކުރުމުގެ އުސޫލާއި އެއްގޮތަށް އެ އަޑުއެހުން ތާވަލްކޮށްފައި ނުވާ ކަމަށާއި އާއިލާއިން ކުރަނީ ރަނގަޅު ތުހުމަތުތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
01:15ގައި އެ އަޑު އެހުން ބޭއްވުމަށް ތާވަލްކޮށްފައި އޮތް އިރު ޝައްމާންގެ އާއިލާ އިން ވަނީ 12:15 ހާއިރު ހައިކޯޓް ކައިރިއަށް ގޮސްފައެވެ. އެ އާއިލާގެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ އެ ސަރަހައްދަށް ފުލުހުން އައީ 12:40 ހާއިރު ކަމަށެވެ. އެއީ ޝައްމާން ކޯޓަށް ހާޒިރު ކުރިތާ 10 ވަރަކަށް މިނިޓް ފަހުން ކަމަށް ވެސް އާއިލާ އިން ބުނެފައިވެއެވެ.
އައި ގޮތަށް އައިސް ފުލުހުން ޝައްމާންގެ އާއިލާ އަށް އެތާ ނުތިބެވޭނެ ކަމަށް ބުނެ ފަހަތަށް ޖެއްސި ކަަމަށް އޭނާ ވަނީ ބުނެފައެވެ. " ޓޯކީ އިން އެހި އަޑު އިވުނު ކޮބާހޭ އަދިވެސް އެބަ ތިބިހޭ ފަހަތަށް ޖައްސާށޭ. 1 ޖެހުމުގެ ކުރިން ބެރިކޭޑް ޖަހާފައި މާރުކޭޓް ކައިރީގައި ތިބެން އެންގީ." އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން މި އަޑުއެހުން ފުރަތަމަ ލައިވް ކުރާނެ ކަމަށް އާއިލާ އަށް އޮތީ އަންގާފައި ކަމަށާއި، ނަމަވެސް 01:09 ހިސާބުގައި ޝައްމާންގެ އާއިލާ އަށް ވަނީ އެ އަޑު އެހުން ލައިވް ނުކުރާނެ ކަަމަށް އަންގާފައިވާ ކަަމަށް އާއިލާއިން ބުނެއެވެ.
ޝައްމާންގެ އަމުރަށް، 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭގެ ބަލާފާސް ކޮށްފައިވާއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ޝައްމާން ހައްޔަރުކޮށްފައިވަނީ ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރޗް 2025 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ޕޮލިހަށް ހާޒިރުވުމުން ކުއްލި ގޮތަކަށެވެ.
ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ