ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، އިމިގްރޭޝަން، އެމްއެންޑީއެފް އަދި ފުލުހުން މުއައްސަސާތަކުން ބައެއް މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދެއެވެ. ކޮންމެ އަހަރަކު ވެސް ބައެއް ކުންފުނިތަކަށް އެފުރުސަތު އިސްލާމިކް މިނިސްޓްރީން ފަހިކޮށްދޭއިރު، މިއަހަރު އެ ސްލޮޓްތައް ނުދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ގުރުއަތު ހޮވައިގެން ފުލުހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށެވެ. މިއަހަރު ވެސް ހައްޖުގެ އަޅުކަމަށް ގެންދިއުމަށް ގުރުއަތު ނެގި ނަމަވެސް މިހާރު އެސްލޮޓް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ހައްޖު ކިޔުގައި ތިބި އެންމެނަަށް ހައްޖުގެ އަޅުކަމަށް ދެވޭނެ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވަނީ ކުންފުނިތަކަށް ދޭ ހައްޖުގެ ސްލޮޓްތައް އުނިކޮށްގެން ކަމަށެވެ.
މީގެ އިތުރުން ހައްޖުގެ އަޅުކަމަށް 25 ދުވަސް ހަމަޖައްސައިދިން ނަމަވެސް މިއަހަރު ވަނީ 20 ދުވަހަށް މަދުކޮށްފައެވެ. އަދި ދުވަސް މަދުކޮށްފައިވަނީ ހައްޖުގެ އަޅުކަމަށް ދާ ހައްޖާޖީން ބަލިވާތީއާއި، ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދުވަސްތައް މަދުކޮށްފައިވާތީ މިއަހަރު ހައްޖަށްދާ ބައެއް ހައްޖާޖީން ވަނީ އެކަމުގެ ކަންބޮޑުން ފާޅުކޮށްފައެވެ. ދުވަސްތައް މަދު ކުރި ނަމަވެސް ފައިސާ ދައްކާފައިވަނީ 25 ދުވަހަށް ކަމަށް ބައެއް ހައްޖާޖީން ބުނެފައިވެއެވެ.
މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް ސަރުކާރުން ހިލޭ ހައްޖުދަތުރުތަކެއް ދިނުމަށް ނިންމާފައިވަނީ 29 މާރޗް 2016 ވަނަ އަހަރުން ފެށިގެންނެވެ. އޭގެފަހުން ކޮންމެ އަހަރަކު ވެސް ބައެއް ކުންފުނިތަކަށް އެ ފުރުސަތު ފަހިކޮށްފައެވެ.
މިފަދަ ނިންމުމެއް މި ސަރުކާރުން ނިންމާފައިވާއިރު، މި އަހަރުގެ ހައްޖު ކިޔުގައި ތިބި އެންމެނަަށް ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެއެވެ. މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެ، ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެއެވެ.
ތަޖުރިބާގެ އަލީގައި މިއަހަރުގެ ހައްޖުގެ ޚިދުމަތްތައް ފުރިހަމަކޮށް، ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ނަމަވެސް އަދިވެސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ހައްޖަށް ދާ ހައްޖާޖީންނަށް ފައިސާ ދޫކޮށްފައިނުވެއެވެ. ޕެންޝަން އޮފީހުން އެ ފައިސާ ފޮނުވާފައިނުވާތީ، މިއަހަރު ހައްޖަށްދާ ބައެއް ހައްޖާޖީން ޖާގަ ކަށަވަރު ކުރުމަށް ފައިސާ ދައްކާފައިވަނީ އަމިއްލަ އަތުންނެވެ.
މި މައްސަލައާ ގުޅިގެން ވެސް ހައްޖު ކޯޕްރޭޝަންއާއި، ޕެންޝަން އޮފީހުގެ ބަސް ދިމާނުވާ ކަމަށް ބުނެ، ބައެއް ހައްޖާޖީން ވަނީ ކަންބޮޑުންފާޅު ކޮށްފައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި ސަރުކާރުން އަމަލުކުރާ ގޮތުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ކަމާގުޅުން ހުރި އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އެންގި މައްސަލާގައި ތަކުރާރުކޮށް، މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު އަދި ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަނަށް ގުޅައި، މެސެޖް ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.