މާލެ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ މާފަންނު ގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ކޮށްފައިވާ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ އަހުމަދު އާހީލް މުނާޒް، ހ. ފޯސީޒަން އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބުނީ އެ އަންހެން މީހާ ގަދަަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.