ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:18
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް އައްޔަން ކުރެއްވި މުޙައްމަދު މުޖްތާޒް - 20.04.2025
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް އައްޔަން ކުރެއްވި މުޙައްމަދު މުޖްތާޒް - 20.04.2025
ރައީސް އޮފީސް
ސިވިލް ސަވިރސް ކޮމިޝަން
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
މުޖްތާޒް ވަނީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފަ
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، މުޖްތާޒް ވަނީ ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފަ

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް މުޙައްމަދު މުޖްތާޒް އައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް މއ. ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައި ވަނީ އާދިއްތަ ދުވަހުއެވެ. އޭނާ އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ މިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އޭނާ އަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދުއެވެ.

މީގެ އިތުރުން އާދިއްތަ ދުވަހު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު މުޙައްމަދު މުޖްތާޒާ ޙަވާލުކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމާއި އެކުގައެވެ.

އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީން ފާސްކުރި ސަބަބު ކަމާއި ގުޅުން ހުރި އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފަ އެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް މެމްބަރުން ވަނީ އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާއި ގުޅިގެން ކަމަށް ބައެއް މެމްބަރުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައެވެ.

މި ސަރުކާރުން ދަނީ މަޖިލީހުގައި އޮތް ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން މިނިވަން މުއައްސަސާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި ރައީސް މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކުގެ ސައިޒް ކުޑަކުރުމަށާއި ބައެއް މުއައްސަސާތައް އުވާލުމަށް ވަކާލާތުކުރައްވާފައެވެ. މިނިވަން މުއައްސަސާތަކަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އަތްބާނުއްވާ ކަމަށް ތުހުމަތުކޮށް އާއްމުން ދަނީ ރައީސް މުއިއްޒު އަށް ފާޑު ކިޔަމުންނެވެ.

- ކޮމެންޓް