އީ-ވޯޓިން އަކީ ހަރަދު ކުޑަ އެއްޗަކަށް ވިޔަސް އީ-ވޯޓިން ތައާރަފް ކުރުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުން ނުގެންގުޅޭ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އިންތިހާބު ބޭއްވުމަށް މިހާރު ކުރާ ހަރަދު ކުޑަކުރުމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވީ އިންތިހާބެއްގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އިތުބާރު ކުރުން ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތް އިންތިޚާބީ ނިޒާމަށް ރައްޔިތުން އިތުބާރު ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އީ-ވޯޓިން ތަންފީޒު ކުރުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުން ނެތް ކަމަށާއި އީވޯޓިންއަށް ދާނެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މި ޒަމާނުގެ ޓެކްނޮލޮޖީއާއި މިޒަމާނުގަ ހުރި ފޯރުންތެރިކަމާއި މި އެއްޗެއްސަށް ބަލާއިރުގައި ހަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކުރާ ގޮތަށް އެކަން ކުރުމުގައި މާބޮޑު މައްސަލައެއް ޓެކްނިކަލީ ނޯވެ ހިނގައިދާނެ. އެކަމަކު ގައުމެއްގައި އިންތިހާބުގެ ކަންކަން ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމަށް ގައުމުގެ ލީޑަރުންނަށްތިބޭނީ ކޮންބައެއްތޯ ކަނޑައަޅާ ނިޒާމެއްގެ ތެރޭގައި ރައްޔިތުން ގަބޫލުކުރާ އިތުބާރު ހިފޭގޮތަށް އެކަން ކުރަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު![]()
ޒާހިދު ވިދާޅުވީ އެ ނިޒާމު ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ބޭނުންވި ނަމަވެސް ގާނޫނު ތަންފީޒު ކުރަން އުނދަގޫވާނެ ކަމަށެވެ. އަދި އީ-ވޯޓިންގ އަށް ރައްޔިތުން އިތުބާރު ކުރާނީ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ ރައްޔިތުންގެ އިތުބާރު ހޯދުމަކީ ވަރަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.