އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވަނީ މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮުޑު ބަޖެޓެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އިން ވަނީ އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2026 ވަނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އޭސީސީއަށް ޖަހާފައި އޮތީ 47.8 މިލިއަން ރުފިޔާ ކަމަށެވެ.
އެ ބަޖެޓަކީ އޭސީސީ އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫން ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.
މުވައްޒަފުންނަކީ ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ޖޮބް މާކެޓުން އެކްސްޕާރޓް ލެވެލް ނޫނީ އެކަށީގެންވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ލިބެނީ ވަރަށް މަދު އަދަދަކަށް. އެކަމަކު އަޅުގަނޑުމެންގެ ތަހުގީގުތައް މުޅިންހެން މި ބައްޓަންކުރެވެނީ ފައިނޭންޝަލް ތަހުގީގުތަކަށް ކަމަށްވާތީވެ އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެބޭފުޅުން ތަމްރީނުކޮށް އެކަށީގެންވާ ތަޖުރިބާ ހޯދައިދޭން. އެކަމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. އެކަން ރަނގަޅުކުރެވޭނެ އަޅުގަނޑުމެންނަށް ބަޖެޓާއެކު. އެއާއެކު އަންނާނެ ކޭސް ނިންމާ އަދަދަށް ބަދަލު،
އޭސީސީގެ ރައީސް އާދަމް ޝާމިލް![]()
އެހެން ކަމުން އެ ކޮމިޝަނަށް ބޭނުންވަނީ 84.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ޝާމިލް ވިދާޅުވި އެވެ. އޭގެ އިތުރުން އޮފީސް ޖާގައެއް ހޯދުމަށް ހަތް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ މިހާރު ވެސް މަހެއްގެ މައްޗަށް 400،000 ރުފިޔާ ހަމައެކަނި ކުއްޔަށް ހޭދަކުރާ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާމިލް ވިދާޅުވީ ސަރުކާރުން އެ ކޮމިޝަނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އޭސީސީގެ މަސައްކަތްތައް ލަސް ކުރަނީ ކޮމިޝަނުން ގަސްތުގައި ކަމަށް ކުރާ ތުހުމަތު ތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ.
އެގޮތުން ބައެއް މައްސަލަތައް ކުރިއަށް ދާ ސްޕީޑު ލަސްވަނީ އެ މައްސަލަތަކުގެ ބާވަތުން ކަމަށް ޝާމިލް ވިދާޅުވި އެވެ.މިސާލެއްގެ ގޮތުން ޝާމިލް ވިދާޅުވީ ބައެއް މައްސަލަތަކަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރު ކުރަން ޖެހޭ ވަރަށް ގިނަަ ކަންތައްތައް ހުންނަ މައްސަލަތައް ކަމަށެވެ.
އޭގެ އިތުރުން، ކޮމިޝަނުގައި ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބުމުގައި ހުރި ގޮންޖެހުމަކީ ވެސް ބައެއް މައްސަލަތައް ނިންމުމުގައި ލަސްތަކެއް ކުރިމަތިވާ ކަންކަން ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި އެއީ ވަކި ސަރުކާރަކުން ނުފޫޒު ފޯރުވާތީ ދިމާވާ މައްސަލައެއް ނޫން ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޝަން ހަވާލުވެހުރި އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ހުރުމުގައި އަޅުގަނޑުގެ މައްޗަށް ނެތް އެއްވެސް ނުފޫޒެއް، ހަމަ ވަރަށް ސާފު އިބާރާތުން މި ދަންނަވަނީ،
އޭސީސީގެ ރައީސް އާދަމް ޝާމިލް![]()
މިދިއަ 2024 ވަނަ އަހަށް އޭސީސީއަށް 47 މިލިއަން ރުފިޔާގެ ބަޖެޓެއް ދިން އިރު މި ހިނގާ 2025 ވަނަ އަހަރަށް އެ ކޮމިޝަނަށް ކަނޑައެޅީ 52.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް އެކަށައަޅާފައި ވަނީ 47.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.