ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:25
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު ޕެރެލައިޒް ކުރުން
މަގާމުން ވަކިކުރަން ނިންމި ރިޕޯޓު ފޮނުވައި، ފަނޑިޔާރުން ޖަވާބުދާރީވާން އަންގައިފި
ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން
ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ނިންމާ އެކުލަވާލި ރިޕޯޓު ފޮނުވައި، ފަނޑިޔާރުން ޖަވާބުދާރީވާން އަންގައިފިއެވެ.

އެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންނަށް ވަނީ ފޮނުވާފައެވެ. ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ މުއްދަތު ގުނަން ޖޭއެސްސީން އަންގާފައި ވަނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ވުމާއި އެކު ބުރާސްފަތި ދުވަހުގެ ކުރިން ފަނޑިޔާރުން ޖޭއެސްސީއަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ ގުޅިގެން ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް 7 ދުވަސް ލިބެއެވެ. އަދި އެ ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރުން ޖަވާބުދާރީވުމަށް ފަހު ފަނޑިޔާރުންގެ ޖަވާބަށް ރިއާޔަތްކޮށް ޖޭއެސްސީން އިތުރު އަޑު އެހުމެއް ބާއްވާނެއެވެ. އެ މައްސަލަ އާއި މެދު ޖޭއެސްސީން ގޮތެއް ނިންމާނީ އެއަށް ފަހުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ވަނީ ނިންމާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

މިރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު އަޒްމިރަލްދާ އަދި މަހާޒް އިން މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެއެވެ.

ޕީއެންސީގެ އެތެރޭގައި އޮންނަ ކުޑަ ކޮމިޓީއަކުން ބޭނުންވެއްޖެނަމަ މެންބަރުން ވަކިކުރެވޭނެ ގޮތަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއާސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް، ރައީސް މުއިއްޒުގެ އެންގެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބާއްވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޖޭއެސްސީން މިހާރު ބަލަމުން އަންނަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެވެ.

ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

- ކޮމެންޓް