ކ. މާލެ
|
16 އޭޕްރިލް 2025 | ބުދަ 22:37
އެމްޓީސީސީގެ ކުރީގެ ސީއީއޯ  ޙަސަން ޝާހް
އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް
ރާއްޖެއެމްވީ
އެމްޓީސީސީ ޓަވަރުތަކާއި ގުޅޭ މައްސަލަ
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހަވާލުކުރި ޕްރޮޖެކްޓް ހުއްޓުމުން އެ ކުންފުންޏަށް 39 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު
އޭސީސީން ފަސް މީހަކަށް ދަޢުވާ ކުރަން ފޮނުވާފައިވަނީ ނާޖާއިޒް ގޮތުގައި މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގައި
އެމްޓީސީސީން އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާއި

ދައުލަތުގެ ބޮޑު ހިއްސާއެއް އޮންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުލެޓުތަކެއް އަޅައިދޭން ކުރިއަށްގެންދިޔަ މަޝްރޫއުން 39 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާތީ، ފަސް މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިމައްސަލައާއި ގުޅޭގޮތުން އޭސީސީން ބުނީ އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެމަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް އެކުންފުނީގެ ވެރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްއާއި، ޖެނެރަލް މެނޭޖަރ އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަޤާމުގައި އޭރު ހުރި ޝިފާޢު ޢަލީއާއި، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަޤާމުގައި އޭރު ތިބި ޙުސައިން ޒުހުރީއާއި މުޙައްމަދު ނާޡިމާއި، އިސްމާޢީލް އަދުހަމް މައްޗަށެވެ.

އޭސީސީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީފައިވާ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކޮށް، އެކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭ ގޮތަށް ޢަމަލުކުރި ނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓާއި ޕްރޮގްރެސިވް ޕޭމަންޓުތައް ދޫކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. މި ޢަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

މިމައްސަލައިގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39 މިލިއަން ރުފިޔާގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އޭސީސީން ވަނީ އެމްޓީސީސީއަށް އަންގާފަ އެވެ.

މިމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އެމްޓީސީސީން އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދެހާސް ސަތާރަ ވަނަ އަހަރު، ދެ އަހަރު ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް މިހާތަނަށް އެ ޓަވަރުތަކުގެ މަސައްކަތް ނިމިފައިނުވެ އެވެ.

- ކޮމެންޓް