މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4000 ފްލެޓް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް 8،602 ޝަކުވާ ހުށަހަޅައިފި އެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ މި ޝަކުވާތަކުގެ ތެރޭގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ވަނީ ހުށައަޅާފައި ކަމަށާއި އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.
ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މަރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރި އެވެ.
މިފަހަރު ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ފުރުޞަތު ދިނީ، އެމީހަކު ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔެ، ހުށައެޅުމަށެވެ.
މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފަ އެވެ.
ފްލެޓް ލިސްޓު ފެބްރުއަރީ 27، ގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ހުޅުވާލީ މާޗު 1، ގަ އެވެ. ނަމަވެސް ފަހުން އޭޕްރީލް 15، ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.
ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.
ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.