ރައީސް މުއިއްޒުގެ މި ސަރުކާރުން 4000 ފްލެޓް ލިބޭ ފަރާތްތަކަށް މިނެކިރުމުގައި އެއްވެސް ހަމައެއް ނެތް ކަމަށާއި މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ބަޔަކު ފެލެޓް ލިސްޓުން ކަޓުވާލަން ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.
ފާތިހު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޝޯވް ގައި ވާހަކަ ދައްކަވަމުންނެވެ.
ސައިފް ފާތިހު ވިދާޅުވީ 4000 ފެލްޓް ލިބޭ މި ޕްރޮގްރާމް އަކީ ކޮމާޝަލް ޕްރޮގްރާމެއް ނޫން ކަމަށާއި މިއީ އެތައް ހާސް ބަޔަކު ކުރިމައިލައިގެން އުޅޭ ސޯޝަލް ހައުސިންގ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ފްލެޓް ބެހުމުގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެ ފްލެޓް ލިބޭ ފަރާތްތަކާއި އެ ފަރާތަށް ލިބޭ ޕޮއިންޓް ތަކުގެ ތަފްސީލް އެނގެން އޮތުން ކަމުގައި އޭނާ ވިދާޅުވީ އެވެ.
4000 ފެލްޓް ޕްރޮގްރާމަކީ ކޮމާޝަލް ޕްރޮގްރާމެއް ނޫނޭ އިނގޭތޯ. މިއީ ސޯޝަލް ހައުސިންގ ޕްރޮގްރާމެއް. އޭގެ މާނައަކީ އެތައް ހާސްބަޔަކު ކޮމްޕީޓު ކުރެއޭ މި މަދު 4000 ފްލެޓަށް. މިސާލަކަށް ތިބޭފުޅާ އާއި އަޅުގަނޑު ކުރިމަތިލާފަ މިއޮތީ ފްލެޓަށް، އަޅުގަނޑަށް ނުލިބި ތިބޭފުޅާއަށް ލިބުނީ، އެހެން ނަމަވެސް އަޅުގަނޑު އެބަ އެނގެން ބޭނުންވޭ ކީއްވެތޯ ތިބޭފުޅާއަށް ފްލެޓް ލިބުނީ، ކިތައް ޕޮއިންޓް ތޯ ތިބޭފުޅާއަށް ލިބުނީ. އެހެން ވީމާ އެއީ އެންމެ އާސާސީ ކަންތައް. އެނގެން ޖެހޭ ކަންތައް
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް![]()
ސައިފް ވިދާޅުވީ ފްލެޓް ތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނަސް އަދި ނުލިބުނަސް އެ ފަރާތްތަކަށް ޕޮއިންޓު ލިބިފައި ހުރި ތަރުތީބާއި އޭގެ ތަފްސީލް އެނގެން ޖެހޭ ކަމަށެވެ.
ނޫން ނަމަ ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުން ވެސް ވަކި ނުކުރެވި މައްސަލަތަކެއް އޭގެން ކުރިމަތި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ލިސްޓަށް މި ސަރުކާރުން އިތުރު ބަޔަކު ހިމަނައިގެން އެބަޔަށް ފްލެޓް ދިނަސް ނޭނގޭ ނެ ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.
ސައިފް ފާތިހު ވިދާޅުވީ މިކަން މި ކުރައްވަނީ ސިއްރިއްޔާތުގައި ސަރުކާރުން ބޭނުންވާ ގޮަތަށް ކަންކަން ކުރަން ކަމަށާއި އެއީ މީގެ ކުރިން ވެސް ކަންތައް ކޮށްފައި އޮތް ގޮތް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ޕޮއިންޓް އާންމު ނުކުރައްވާ ކަމަށާއި އެންމެ ފަހުން އެ ލިސްޓު ލިބުނު އިރު، ޕޮއިންޓް ދީފައި ހުރީ ރަނގަޅަށް ނޫން ކަން އެނގިފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބު 4000 ފްލެޓް ލިބޭ މީހުންގެ ނަން ސިއްރުކުރައްވާ ކަން ފާހަގަކުރައްވާ ސައިފް ވިދާޅުވީ އެބޭފުޅާ އެކަން ކުރައްވަން ޖެހޭ އެއް ވެސް ސަބަބެއް ނެތް ކަމަށެވެ.
ސައިފް ވިދާޅުވީ 4000 ފްލެޓް ނިމި ދިއަ ސަރުކާރުން ދޭން ނިންމާފައި އޮތް ގޮތަށް ދޭން މި ސަރުކާރުން ބުނާއިރު، އޭގެއިން ސިއްރުކުރަން ޖެހޭ އަދި ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި 4000 ފްލެޓް ލިސްޓުން ބައެއް އުނިކުރަން މި ސަރުކާރުން ބުނެފައިވާ ކަމަށާއި ނަމަވެސް ބަޔަކު އުނިކުރާކަމުގައި ވަނީ ވިއްޔާ އުނިކުރާ ފަރާތްތަކުގެ ނަންތަކާއި، އެބަޔަކު އުނިކުރި ސަބަބެއް ވެސް އެނގެން ޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ.