ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްފައިވާ ހަތަރު ހާސް ފްލެޓު، މި ސަރުކާރުން ގަޑުބަޑު ކޮށްފަައިވާތީ، އެކަމުގެ ކަންބޮޑުވުމާއި ޝަކުވާތަކާ އެކު ގިނަ ބަޔަކު ހައުންސިން މިނިސްޓްރީ އަށް ގޮސްފި އެވެ.
ދަރުބާރުގޭގައި ހިިންގަމުން އަންނަ ހައުސިން މިނިސްޓްރީ އަށް ފްލެޓު ލިބުނު ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ. ގިނަ އަދަދެއްގެ އާންމުން ޝަކުވާތަކާ އެކު ހައުސިން މިނިސްޓްރީ އަށް ދިޔަ ނަމަވެސް، މިނިސްޓްރީ އަށް ވަނުމަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.
ހައުސިން މިނިސްޓްރީ އަށް އެއްވި އާންމުން ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުން ފްލެޓު ލިބުނު ކަމަށް ކަަނޑައަޅައި، އެއްބަސްވުމުގައި ސޮއިކޮށް، އަދި އެމީހަކަށް ލިބޭ ފްލެޓު ވެސް ކަނޑައަޅާފައިވާ އެތައް ބަޔަކަށް މި ހައުންސިން މިނިސްޓްރީ އިން މެސެޖުތަކެއް ފޮނުވަމުން އަންނަ ކަމަށެވެ.
އެގޮތުން އެ މެސެޖުގައި ބުނެފައި ވަނީ އެ ފަރާތްތަކުން މާލޭގައި 15 އަހަރު ވަންދެން ދިރިއުޅުނުކަން ކަށަވަރު ވެފައި ނުވާތީ، އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހައުސިން މިނިސްޓްރީ އަށް އެއްވި އާންމުންގެ ކަންބޮޑުވުމަކީ، އެ މީހަކަށް ލިބުނު އެއްޗެެއް، ލިބުނު ގޮތަކަށް އަދި ލިބުނު ތަނަކުން ދޭނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވައުދުވެފައިވާއިރު، މިހާރު ލިބެމުން އަންނަ މެސެޖު ތަކަކީ ކޮން މެސެޖުތަކެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ.
އެގޮތުން ޝަކުވާތައް ހިފައިގެން މިނިސްޓްރީ އަށް ދިޔަ ބައެއް އާންމުން ވަނީ، މިނިސްޓްރީގެ ކައުންޓަރުގައި އެ ސުވާލު ކޮށްފަ އެވެ. އެއާއެކު އެއީ އާންމުކޮށް ފޮނުވާ މެސެޖެއް ކަމަށާއި، އެފަދަ މެސެޖު ތަކެއް ލިބޭނެ ކަމަށް ކައުންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ބައެއް އާންމުން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން އާންމުކޮށް ފޮނުވާ މެސެޖެއް، މިހާރު އަންނަ ސަބަބު ސާފު ކޮށްދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ އެދިފަ އެވެ.
މީގެ ކުރިން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ޕޯޓަލް އިން ފެންނަ ބައެއް ފަރާތްތަކަށް ވެސް، މިހާރު މެސެޖު އަންނަމުންދާ ކަމަށާއި، އެ މެސެޖުގައި ވަނީ ޝަރުތު ހަމަ ނުވާ ވާހާކަ އެވެ. އެކަން ސާފު ކުރަން ގިނަ އާންމުން ބޭނުންވާއިރު، މިނިސްޓްރީ އިން އެކަމުގައި އެއްބާރުލުން ނުދޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އަށް އެއްވި މީހުންނަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ. އެގޮތުން މިނިސްޓްރީގެ ދޮރު ފުލުހުން ބަންދު ކޮށްފައިވާ ކަމަށާއި، މައުލޫމާތު ހޯދަން އަންނަ އާންމުންނަށް އެގޮތަށް ހުރަސް އަޅަނީ ކޮން ސަބަބަކާ ހުރެ ކަމަށް އެ ފަރާތްތަކުން ސުވާލު އުފެއްދި އެވެ.