Advertisement
ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 23:19
ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަން ވަނީ ނިންމާފައި
ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަން ވަނީ ނިންމާފައި
ސޯޝަލް މީޑިއާ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު!
ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާނެ
އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދާނީ އެ ކަމަށް ކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް
ފްލެޓުތައް ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފަ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ، ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ. އަދި މި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް ވެސް އެފްޑީސީގެ އިއުލާނުގައި ވެ އެވެ.

އެފްޑީސީގެ އިއުލާނުގައި ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދާނީ އެ ކަމަށް ކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ.

އެކޯޕަރޭޝަނުން ނިންމާފައި ވަނީ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން އެއްބަސްވުންތަކުގައި ސޮއިކުރާށެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރާނެ ދުވަހާއި ގަޑި "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެގެން އޮންނާނޭ ކަމަށް ވެސް އެ ކޯޯޕަރޭޝަނުން ބުނެއެވެ.

އެފްޑީސީގެ އިއުލާނުގައި ވާ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދާއިރުގައި ފްލެޓު ކުއްޔަށް ހިފާ މީހާގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއަކާއި ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއަކާއި ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއަކާއި ޒިންމާއަދާކުރާ މީހާ ސޮއި ކޮށްފައިވާ ފޯމުގެ އަސްލު ގެ އިތުރުން އެހެނިހެން ގުޅުން ހުރި ލިޔެކިޔުންތައް ހިމެނެއެވެ.

އެފްޑީސީން ބުނީ، 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެފްޑީސީން ބުންޏެވެ.

ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒެވެ.

އެފްޑީސީ އިއުލާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއު ކޮށް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.

އެހެން ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. 25 އަހަރުގެ މުއްދަތަށް ހަދާ މި އެއްބަސްވުމާއި އެކު އެޕާޓްމަންޓް ލިބޭ މީހުންނަށް އެތަން މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް