ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި 10 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙްމަދު ސާތިޝް ސަޢީދު، ހަސީނީވިލާ، ސ.ފޭދޫ އާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއަރ އިންޖިނިއަރގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާޞިދު، ނިރޮޅުމާގެ، ތ.ތިމަރަފުށި އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަޤާމުގައި އޭރު ހުރި ޙުސައިން އާސިރު، ފަޅޯމާގެ، ސ.ފޭދޫގެ މައްޗަށެވެ.
ފެނަކައިގެ އައްޑޫ ސިޓީ، ސ. ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، އަޙްމަދު ސާތިޝް ސަޢީދު އާއި، މުޙައްމަދު ޢާޞިދު އަދި ޙުސައިން އާސިރު ބޭނުންކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތު) ގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާއާއި، 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން 516 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
އަދި މި މައްސަލައިގައި، 623,208.80 ރުފިޔާ (ހަސަތޭކަ ތޭވީސް ހާސް ދުއިސައްތަ އަށް ރުފިޔާ އަށްޑިހަ ލާރި) އަނބުރައި ހޯދުމަށް ކޮމިޝަނުން ވަނީ ފެނަކައަށް އަންގާފައެވެ.
އަދި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވޭތީ، އެކަން ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވެއެވެ.