ސައުތް ސެންޓްރަލް ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި، އެ މައްސަލަ ހުށަހެޅި ފަރާތުން އެއްބާރުލުން ނުލިބޭތީއާއި ހެކި ނެތުމުގެ ސަބަބުން މައްސަލަ ކުރިއަށް ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސައުތް ސެންޓްރަލް ފުލުހުން (މ، ފ، ދ، ތ އަދި ލ) އަތޮޅުގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރެވެ މައްސަލައެއް 2022 ޖެނުއަރީ 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގުގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަހުލީލުތައް ކޮށް އަދި 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ތަހުލީލުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާއި ގުޅުން ހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ތުހުމަތު ކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖްތަކާއި، މައްސަލައާއި ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުންވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގު ކޮށް 2022 އެޕްރީލް 22 ވަނަ ދުވަހު ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާހުތައް ގެނައުމަށް ޕީޖީން އެދުނު ކަމަށް ފުލުހުން ބުނެއެވެ. އަދި މި އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ މައްސަލަ މިހާތަނަށް ނިމިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.