ދާރުލްއީމާން ބިލްޑިންގ އަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައަޅައި، އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ހެދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ނިންމަވައިފި އެވެ.
އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް ވުޒާރާއިން ނިންމާ، އެކަން އިޢުލާން ކުރައްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވެފައިވަނީ މި ނިންމުންތަކުގެ ތެރޭގައި، އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި، އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަސީޤާގައި ސޮއިކުރުން ހިމެނޭ ކަމަށެވެ.
އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު' އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުންވެސް މިނިންމި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަންވެސް ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.
މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.