ކ. މާލެ
|
13 އޭޕްރިލް 2025 | އާދީއްތަ 20:02
އެމްޑީޕީން ބާއްވާ މުޒާހަރާތަކާއި ގުޅިގެން އެ މުޒާހަރާތަކުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މައްޗަން ގޮޅި އުތުރު ދާއިރާގެ ރައީސް ހަދީޖާ މުހައްމަދު (ހައްޖަ) ފުލުހަށް ހާޒިރުކުރުން 18 މާޗް 2025
އެމްޑީޕީން ބާއްވާ މުޒާހަރާތަކާއި ގުޅިގެން އެ މުޒާހަރާތަކުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މައްޗަން ގޮޅި އުތުރު ދާއިރާގެ ރައީސް ހަދީޖާ މުހައްމަދު (ހައްޖަ) ފުލުހަށް ހާޒިރުކުރުން 18 މާޗް 2025
ރާއްޖެއެމްވީ
މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހުން
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
މަންދީ ވިދާޅުވީ މި މައްސަލައިގައި އިންސާފު ލިބިދާނެ ކަމާއި މެދު ވެސް ސުވާލު އުފެދޭ ކަމަށް
މި މައްސަލަ އަކީ ބަލިކަށި މައްސަލަ އެއް ކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅު ތެޔޮ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ އަކީ މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި މީހާ ނޫން ކަމަށާއި އެއީ ސައިކަލް ދުއްވި މީހާ ކަމަށް މަރިޔަމް ޒުބެެއިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

މަންދީ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ 16 މާރިޗް 2025 ވީ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގަ އެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ ހެލްމެޓު އަޅައިގެން އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ.ދާންދޫ/ ސަންލައިޓްވިލާ، 20 އަހުމަދު ރިޝްމާހެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 27 މާރޗް ވީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އަދި 28 މާރޗްގައި ކްރިމިނަލް ކޯޓުން ވަނީ ރިޝްމާހްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

މުއްދަތު ހަމަވުމާއި ގުޅިގެން 12 އޭޕްރީލް 2025 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި ޝަރުތުތަކާއެކު ދޫކޮށްލާފައިވަނީ، ތަހުގީގަށް އެއްބާރުލުން ދޭން އޭނާ އެއްބަސްވެފައިވާތީ، ބަންދަށް ލުއި ދިނުމަށް ފުލުހުން އެދިފައި ވާތީ އެވެ. މީގެ ކުރިން ވެސް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރިޝްމާހު ހައްޔަރުކޮށްފައިވެއެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެ އެވެ.

ކަޅު ތެޔޮ ޖެހުމާއި އެކު އެކަން ވަގުތުން ރިޕޯޓްކޮށްފައިވާނެ ކަމަށް މަންދީ ވިދާޅުވިއެވެ. އެ ހާދިސާ ހިނގުމާއި އެކު ބަޔާން ދޭން ދިއުމުން، ހާދިސާ ހިނގި ދުވަހުގެ ޖެހިގެން އައި ދުވަހު ބަޔާން ދޭން ފުލުހަށް ހާޒިރުވާން ފުލުހުން އެދުމުން އެ ދުވަހު ވެސް ފުލުހަށް ހާޒިރުވެފައި ވާނެ ކަމަށް މަންދީ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ބަޔާން ނުނަގާ 17 މާރޗްގައި މައްސަލަ ލޮގް ކުރެވިފައިވާކަމުގެ މެސެޖެއް އޭނާ އަށް ހިއްސާކޮށްފައިވާ ކަމަށް މަންދީ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި މައްސަލަ ބަލާ އައިއޯ އަކަށް ހުރީ އަންހެން ކުއްޖެއް ކަމަށާއި އޭގެ ފަހުން 4 ވަރަކަށް ފަހަރު މައްސަލައިގެ އައިއޯ ބަދަލުވެފައިވާތީ އެކަމާއި މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް މަންދީ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެހެންވީ އިދާރީ މައްސަލަ އެއްގެ ސަބަބުން ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް މަންދީ ވިދާޅުވިއެވެ. މަންދީ ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ކަޅުތެޔޮ ޖެހި މީހާ ނޫންކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ހާމަކޮށްފައެވެ.

މީގެ އިތުރުން މަންދީ ވިދާޅުވީ މި މައްސަލައިގައި އިންސާފު ލިބިދާނެ ކަމާއި މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. މި މައްސަލަ އަކީ ބަލިކަށި މައްސަލަ އެއް ކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ކަޅުތެޔޮ ޖެހި މީހާ ހައްޔަރު ނުކޮށް، ސައިކަލް ދުއްވި މީހާ ހައްޔަރުކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭކަމެއް ކަމަށް މަންދީ ވިދާޅުވިއެވެ.

- ކޮމެންޓް