ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 12:53
އަޑު އެހުމަށް ފަހު މަންދީ ރާއްޖެ ޓީވީ އަށް އިންޓަވިޔު ދެއްވަނީ
އަޑު އެހުމަށް ފަހު މަންދީ ރާއްޖެ ޓީވީ އަށް އިންޓަވިޔު ދެއްވަނީ
ރާއްޖެއެމްވީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)
ޖަވާބުދާރީވާން މަންދީ އަށް 15 ދުވަހުގެ މުއްދަތެއް ދީފި
މަންދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އާންމު ރައްޔިތަކާ ދެކޮޅަށް މިގޮތަށް ދައުވާ ކުރުމުން، އާންމު ރައްޔިތު މީހާ އަށް އިންސާފު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، މަރިޔަމް ޒުބެއިރު (މަންދީ)އާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކޮށްފައިވާ ދައުވާ އަށް ޖަވާބުދާރީވުމަށް، ފެމެލީ ކޯޓުން މަންދީ އަށް 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ފެމެލީ ކޯޓުގައި ބުދަ ދުވަހުގެ ހެނދުނު އޮތީ މި މައްސަލައިގެ އިބްތިދާއީ އަޑު އެހުމެވެ. ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ރ) ގެދަށުން މަންދީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އިބްތިދާއީ އަޑު އެހުމަށް ފަހު، ވާހަކަ ދައްކަވަމުން މަންދީގެ ޤާނޫނީ އިބްރާހީމް ޝިޔާން ވިދާޅުވީ، މައްސަލައިގެ ޖަވާބުދާރީވުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެހެންކަމުން މެއި މަހުގެ 15 ވަނަ ދުވަހު ކުރިން، މައްސަލައިގެ ޖަވާބުދާރީވާން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައާ ގުޅިގެން މަންދީގެ ފަރާތުން، ހެއްކެއް ހުށަހަޅަން އޮތް ނަމަ އެ މުއްދަތުގައި އެކަން ކުރުމަށް ވެސް ފުރުސަތު ދީފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެ މައްސަލަ ބެލުމުގެ އިޙުތިޞާސް ފެމެލީ ކޯޓަށް ލިބިގެންވޭތޯ މަންދީގެ ފަރާތުން ސުވާލު ކޮށްފައިވާނެ ކަމަށް ޝިޔާން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލެއް އުފައްދަން ބޭނުންވާ ނަމަ، މެއި މަހުގެ 15 ގެ ކުރިން އެ ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އަޑު އެހުމަށް ފަހު ވާހަކަ ދައްކަވަމުން މަންދީ ވިދާޅުވީ، މިއީ އޭނާ އަށް ބިރު ދައްކައި، ފަހަތަށް ޖެއްސުމުގެ މަޤުސަދުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އެހެން ނަމަވެސް، އެ ދައުވާގެ ސަބަބުން އެމްޑީޕީގެ ޙަރަކާތްތަކުން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް މަންދީ ވިދާޅުވި އެވެ.

އިތުރަށް މަންދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އާންމު ރައްޔިތަކާ ދެކޮޅަށް މިގޮތަށް ދައުވާ ކުރުމުން، އާންމު ރައްޔިތު މީހާ އަށް އިންސާފު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާއީލް އަދި އެ ޕާޓީއާ ދެކޮޅަށް ސާޖިދާ ދައުވާ ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

- ކޮމެންޓް