މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށް ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލުމަށާއި، ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެން މަަސައްކަތް ކުރުމަށް އިލްތިމާސްކުރަމުން ޚުޠުބާގައި ބުނީ މައިންބަފައިންނާއި، ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކުރަންޖެހޭ ކަމަށާއި، އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމަށެވެ.
އެހެންކަމުން ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެގޮތުން އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށާއި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށެވެ.
ނަބީބޭކަލުންނާއި އެއް ހަމައަކުން ޓީޗަރުންނާއި މުހާތަބުކޮށް ހުކުރު ޚުޠުބާގައި ބުނެފައިވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެއެވެ.
އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށް ވަނީ ބުނެފައެވެ.
އަދި ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަން ކަމަށާއި އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވަމުން އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހެދުމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.