ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކޮށްފިއެެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. މި މައްސަލަ ހުށަހެޅުމުން، އޭގެ އަނެއްދުވަހު މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރު ކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ފުލުހުންގެ ފަރާތުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. މި މައްސަލައިގެ ކުރިން ވެސް މިދިޔަ މަހު ދެ ޓީޗަރަކު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މިދިޔަ މަހު 22 ގައި ޓިއުޝަންދޭން ގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުންވެސް މިދިޔަ މަހު ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ދިޔަ ދިވެހި ފިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވެސް ހައްޔަރު ކޮށްފައިވެއެވެ.
މި ފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާ ގުޅިގެން މުޖުތަމައުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. ޚާއްސަކޮށް ތައުލީމީ މުއައްސަސާތަކުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މުޖުތަމައުގެ ގިނަ ބަޔަކު އިއްތިފާގުވެއެވެ.