ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 13:26
ރައީސް ޑރ.މުހައްމަދު މުއިއްޒާއި ވަޒީރުން ލިވަޕޫލުގެ ދަނޑުގައި
ރައީސް ޑރ.މުހައްމަދު މުއިއްޒާއި ވަޒީރުން ލިވަޕޫލުގެ ދަނޑުގައި
ރައީސް އޮފީސް
ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް 153,000 ށް ގިނަ ރުފިޔާ ހޭދަ ކުރައްވައިފި
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން 5 ދުވަހަށް
ރައީސްގެ ޒިޔާރާތުގެ އެއްވެސް ފޮޓޯއެއް ލިވަޕޫލްގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކޮށްފައިނުވޭ
ރާއްޖޭގައި ލިވަޕޫލު ވަރަށް ބޮޑަށް ޕްރޮމޯޓް ވެފައިވާ ކަމަށް ފާޑުކިޔާ މީހުން ދަނީ ބުނަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް 153,000 ށް ގިނަ ރުފިޔާ ހޭދަ ކުރައްވައިފިއެވެ.

ރައީސް މުއިއްޒު، އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން 5 ދުވަހަށް އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިކްގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕްރޭޝަން (އެމް.އެމް.ޕީ.އާރްސީ) ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކޯ- ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ތަފްސީލް ހިއްސާކޮށް، ރައީސް އޮފީހުން ބުނީ، މިދަތުރުފުޅަށް ޖުމްލަ 153،689.92 (އެއްލައްކަ ފަންސާސް ތިންހާސް ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ، ނުވަ ދިހަ ދެ ލާރި) ހަރަދުކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވިއިރު ވެސް އެއްވެސް ޕޯސްޓެއް ލިވަޕޫލްގެ ސޯޝަލް މީޑިއާގައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކުޅުންތެރިން މެޗަށް ތައްޔާރުވަމުންދިޔަ ވަގުތު ރައީސް މުއިއްޒުގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގު އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ މެޗު ފެށުމުގެ ކުރިން ދަނޑުގައި ފޮޓޯތަކެއް ނަންގަވާފައިވެއެވެ. އަދި އެ ފޮޓޯތަކުގައި ހިފަހައްޓަވައިގެން ތިއްބެވީ 'ވިސިޓް މޯލްޑިވްސް' ޖަހާފައި އިން 25 ނަމްބަރުގެ ލިވަޕޫލް ޖޯޒީ އެކެވެ.

މީގެ އިތުރުން ރައީސް މުއިއްޒު އެދަނޑަށް ވަޑައިގެންނެވީ ވިޒިޓަރއެއް ގޮތުގައި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި މިދަތުރުފުޅުގައި ރާއްޖެ ޕްރޮމޯޓް ނުވާ ކަމަށާއި، ރާއްޖޭގައި ލިވަޕޫލު ވަރަށް ބޮޑަށް ޕްރޮމޯޓް ވެފައިވާ ކަމަށް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް ރައީސް އޮފީހުން ބުނެފައިވަނީ މިދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި، ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ހަރަކާތް ލިވަޕޫލް ފުޓްބޯޅަ ކްލަބް ފަށާ ފުޓުބޯޅަ މެޗު ވެސް ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ބައްލަވައިލެއްވި ކަމަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައި އެކުދީންގެ ހާލު އަހުވާލު އޮޅުންފިލުއްވައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެވިދާނެ މުހިންމު ކަންކަމާއިމެދު މަޝްވަރާ ކުރެއްވި ކަމަށާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސް އަށް ޒިޔާރަތް ކުރައްވައި ރާއްޖެއާއި، އެޔުނިވަރސިޓީ އިން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފަރިއްކޮޅުގެ ތެރެއިން ދަރިވަރުންނާ ބައްދަލުކުރައްވައި، ހާލު އަހުވާލު ބައްލަވައި، ކަންބޮޑުވުންތައް އަޑުއައްސަވައި ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޒްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯޝިއޭޝަން- ޔޫ.ކޭ އާ އަލުން ހަވާލުކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ، ލޯރޑް މޭޔަރ އޮފް ލީޑްސް، ކައުންސިލަރ އެބިގެއިލް މަރޝްލް ކަޓުންގ އަދި ވެސްޓް ޔޮކްޝަޔަރގެ މޭޔަރ ޓްރެސީ ބްރޭބިންއާއި ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ ކަަމަށެވެ. އަދި މި ބައްދައްލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލީޑްސް ސިޓީއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

- ކޮމެންޓް