ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް ކަންކަން ފަހިކޮށްދިނުމަށްޓަކާ، ހެންވޭރު ސަރަހައްދުގެ ގިނަ މަގުތަކެއް ބަންދުކޮށްފައިވާތީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ޖަލްސާ ބާއްވާ އާޓިފިޝަލް ބީޗް ވަށައިގެންވާ ގިނަ މަގުތަކެއް ހުކުރު ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން ބަންދުކޮށްފައިވަނީ ޖަލްސާގެ ކަންކަން ނިމެންދެންނެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ގިނަ ދަތިކަމެއް ކުރިމަތިވެފައިވާއިރު، އާންމު ރައްޔިތުންނަށް ވާނެ އުނދަގޫތަކަކަށް ބެލުމެއް ނެތި މިފަދަ ބޮޑު ސަރަހައްދެއް ބަންދުކުރީ ކޮން އުސޫލަކުންތޯ ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަމުންދެ އެވެ.
ފުލުހުން މިއަދު އިއުލާންކުރިގޮތުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން ހުކުރު ދުވަހުގެ 18:00ން ފެށިގެން އެ ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އެގޮތުން ޖަލްސާ ކުރިއަށްދާއިރު، ސަލްމާން މިސްކިތުން ފެށިގެން ޒިތޫނީ ކެފޭއާ ހަމައަށް ބޮޑުތަރުފާނު މަގަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން ވަނީ ބަންދުކޮށްފަ އެވެ.
އަދި، ހެންވޭރު ޕެޓްރޯލް ސްޓޭޝަނުން ފެށިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް އަދި މަޖީދީ މަގާއި ސޯސަން މަގު ބެދޭ ކަންމައްޗާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަގުތަކަށް ހަތަރުފުރޮޅުލީ އުޅަނދުތައް ވަނުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކުރިން އެންގުމަކާ ނުލާ އެމްޓީސީސީ ގެ ފަރާތުން ހުޅުމާލެއިން މާލޭގެ ކާނިވާ ސަރަހައްދު ރޫޓުގެ ބަސް ހިދުމަތްތައް ވެސް ވަނީ ހުކުރު ދުވަހު އިރު އޮއްސި ހަޔަކުން ފެށިގެން މެދުކަނޑާލާފަ އެވެ. އަދި ބަސް ހިދުމަތް އަލުން އަނބުރާ ދެވެން ފެށޭނެ އިރެއް ވެސް އަންގާފައެއް ނުވެއެވެ. މިކަން އެމްޓީސީސީގެ ފަރާތުން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ޖަލްސާއާ ގުޅިގެން ސަރުކާރުގެ ފަރާތުން ކަންކަން ހަމަޖެއްސުމުގައި ނުފޫޒު ބޭނުންކުރާ މަންޒަރު ފެންނަމުންދާކަން ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ. މީގެ ކުރިން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ކުރިޔަށް ދިޔުމަށް ފުލުހުން ހުރަސް އަޅާފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވާނެ ކަމަށް ބުނެ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުންހެން މީހުން ގެނެސްގެން ޕީއެންސީއިން ހުކުރު ދުވަހުގެ ރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށެވެ. ޖަލްސާގައި ބައިވެރިވުމަށް، ބުރާސްފަތި ދުވަހުން ފަށައިގެން އެ ޕާޓީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ޕީއެންސީގެ ފަރާތުން ހަރަދުކުރާނެ ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ އިސް ފަރާތްތަކުން ދަނީ ފަހުރުވެރިކަމާ އެކު ވިދާޅުވަމުންނެވެ. މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވެސް ވަނީ ވިދާޅުވެފަ އެވެ. އަބްދުއްރަހްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.
އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީއާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދު އުފުލަން އުދަގޫވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރު ހިންގާ ޕާޓީއެއްގެ ޖަލްސާއަކަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ހޯދައިގެންތޯ ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނަށް ވާނެ އުނދަގޫތަކަކަށް ބެލުމެއް ނެތި، ސަރުކާރު ހިންގާ ޕާޓީގެ ޖަލްސާއަކަށް މިހާ ބޮޑު ސަރަހައްދެއް ބަންދުކުރުމާ މެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ. އަދި މިފަދަ ކަންކަމުގައި ހުރިހާ ޕާޓީތަކަކަށް އެއް އުސޫލެއް ބޭނުންކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެ އެވެ.