Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 20:52
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް
2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖެއްސީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުން
މަޖިލީހުގައި މިހާރު ކަން ހިނގާ ގޮތައް ބަލާއިރު ދިރާސާ ކުރިއަސް އާޚިރުގައި ބަޖެޓް ވެސް ސަރުކާރުން ހުށަހެޅި ގޮތައް ފާސް ވާނެ

2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރުން 19 ނޮވެމްބަރަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އިން ނިންމައިފި އެވެ.

2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހަމަޖައްސާފަ އެވެ. އެ ދެ ބޭފުޅުން ވެސް މަޤާމަށް ހަމަޖައްސާފައި ވަނީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީ އެކުލެވިގެން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިގުތިސޯދީ ކޮމިޓީގައި ހިމެނޭ 22 މެންބަރުން ހިމެނޭހެންނެވެ. ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި 18 މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

އެ ކޮމިޓީ އިން ނިންމާފައި ވަނީ މީގެ ކުރިން އަހަރުތަކުގައި ވެސް ބަޖެޓުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ބަޖެޓް ދިރާސާކުރުމުގެ މަރުހަލާފައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓަރ އަދި އޮޑިޓަރ ޖެނެރަލްގެ އިތުރުން ކަމާއި ގުޅުން ހުރި އެހެން އިދާރާތައް ހާޒިރުކުރާނެ އެވެ.

31 އޮކްޓޯބަރގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިނިސްޓަރު ވިދާޅުވީ ރިކަރަންޓު ޚަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށެވެ.

ބަޖެޓް ތަފްސީލުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ އާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާ އެވެ. ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު ދައުލަތުގެ އޯވަރޯލް ބަޖެޓް ޑެފިސިޓް 8.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. މިއީ ޖީޑީޕީގެ 7.1 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކަން ހިނގާ ގޮތައް ބަލާއިރު، ދިރާސާ ކުރިޔަސް އަދި އެކި ފަރާތްތައް ހާޒިރު ކޮށް މަޝްވަރާތައް ކުރިއަސް އާޚިރުގައި ނިމިގެންދާނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތައް ފާސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

- ކޮމެންޓް