ކ. މާލެ
|
8 އޭޕްރިލް 2025 | އަންގާރަ 19:59
އިސްރާއީލު ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުން ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ސިޓީގެ އަލް ތުއްފާ ސަރަހައްދުގައި ހުންނަ ސްކޫލެއްގެ ގޯތިތެރެ ބަލައި ފާސްކުރަނީ
އިސްރާއީލު ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުން ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ސިޓީގެ އަލް ތުއްފާ ސަރަހައްދުގައި ހުންނަ ސްކޫލެއްގެ ގޯތިތެރެ ބަލައި ފާސްކުރަނީ
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު 19 މީހުން ޝަހީދުކޮށްލައިފި
މަދަނީ ދިފާއީ ތަރުޖަމާނު މަހްމޫދު ބަސަލް އޭއެފްޕީއަށް ވިދާޅުވީ އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތަކުގައި "ގިނަ ކުޑަކުދިންނާއެކު އާންމުންގެ 19 މީހަކު ޝަހީދުވެފައިވާ" ކަމަށާއި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު 19 މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން އަންގާރަ ދުވަހު ބުނީ އިސްރާއީލުން ރޭގަނޑު ދިން ހަމަލާތަކުގައި ފަލަސްތީނުގައި މަދުވެގެން 19 މީހުން ޝަހީދުވެފައިވާ ކަމަށާއި، ހަމާސްއާ ދެކޮޅަށް އިޒްރޭލުން އަލުން ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

މަދަނީ ދިފާއީ ތަރުޖަމާނު މަހްމޫދު ބަސަލް އޭއެފްޕީއަށް ވިދާޅުވީ އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތަކުގައި "ގިނަ ކުޑަކުދިންނާއެކު އާންމުންގެ 19 މީހަކު ޝަހީދުވެފައިވާ" ކަމަށާއި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހްގެ ގެއަކަށް ދިން ހަމަލާއެއްގައި ފަސް ކުޑަކުދިންނާއި ބޮޑެތި ހަތަރު މީހުން ޝަހީދުވެފައިވާ އިރު، އުތުރުގެ ޣައްޒާ ސިޓީ އާއި ބައިތް ލަހިޔާ އަށް ފަތިހުގެ ކުރިން ދިން ދެ ހަމަލާއެއްގައި ޖުމްލަ 10 މީހުން ޝަހިދުވެފައިވާ ކަމަށް ބަސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ހަމާސް ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ އިސްލާމިކް ޖިހާދު މޫވްމަންޓާ ގުޅިފައިވާ މީޑިއާއަކުން ވަނީ ޚާން ޔުނިސް ސަރަހައްދުގައި ނޫސްވެރިން ބޭނުންކުރާ ޓެންޓަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަހުމަދު މަންސޫރު ނަމަކަށް ކިޔާ މުވައްޒަފަކު ޝަހީދުވިކަން މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފަ އެވެ.

ހަމާސް ސަރުކާރުގެ މީޑިއާ އޮފީހުން ހޯމަ ދުވަހު ވަނީ އެ ހަމަލާގައި އެ ގައުމުގެ ނޫސް އެޖެންސީއެއްގައި މަސައްކަތް ކުރި ނޫސްވެރިޔާ ހިލްމީ އަލް ފަކާވީ މަރުވެ އިތުރު ނުވަ މީހަކު ވެސް ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ ހަމާސްގެ ޓެރަރިސްޓް ހަސަން އަބްދުލް ފައްތާހު މުހައްމަދު އަސްލިހް އަށް ކަމަށާއި އޭނާ އޮޕަރޭޓްކުރީ ނޫސްވެރިއެއްގެ ސިފައިގައި ކަމަށާއި އޭނާ އަކީ ނޫސް ކުންފުންޏެއް ހިންގާ މީހެއް ކަމަށެވެ.

އަދި އަސްލިހް ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއިލުގައި ދިން ހަމަލާގައި ބައިވެރިވިކަމަށް އިސްރާއިލުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ހަމާސް ޖަމާއަތާ އެކު ދެ މަސް ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމަށް ފަހު އެވެ. އެ ހަނގުރާމަ އެއްކޮށް ހުއްޓާލަން ކުރި މަސައްކަތް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

އިޒްރޭލުގެ ހަނގުރާމަ ފެށިފަހުން ފަލަސްތީނުގެ 1،391 މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ޣައްޒާއަށް އަރައި ހަނގުރާމަ ފެށި ފަހުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 50،752 އަށް އަރާފައި ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

- ކޮމެންޓް