ކ. މާލެ
|
6 އޭޕްރިލް 2025 | އާދީއްތަ 19:42
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު
ޔޫކޭގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލުކުރެއްވި ވީޑިއޯއިން ދަރިކަނބަލުންގެ ވީޑިއޯ އުނިކުރި ސަބަބު ހާމަ އެއް ނުކުރި
ރައީސް މުއިއްޒު ލީޑްސްގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވީ އޭޕްރީލް 4 ގައި

އިނގިރޭސިވިލާތުގެ ލީޑްސްގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި އިރު ނަގާފައިވާ ވީޑިއޯ އިން ރައީސްގެ ދަރިކަނބަލުން ނުފެންނަ ގޮތަށް އަލުން އެ ވީޑިއޯ އެޑިޓް ކުރި ސަބަބު ސަރުކާރުން ހާމައެއް ނުކުރިއެވެ.

ރައީސް މުއިއްޒު ލީޑްސްގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވީ އޭޕްރީލް 4 ގައެވެ. ރައީސްގެ ދަރިކަނބަލުން ޔާސްމީން ތައުލީމު ހާސިލްކުރައްވަނީ ލީޑްސް ޔުނިވަސިޓީން ކަމަށް ވުމާއި އެކު ޔާސްމީން ވެސް އެ ތަނުގައި ހުންނެވި އެވެ.

މި ބައްދަލުވުމުގެ ވީޑިއޯއެއް ރައީސް އޮފީހުން ފުރަތަމަ ޕޯސްޓުކުރީ 5 އޭޕްރީލް ވަނަދުވަހުގެރޭ 10:28 ގަ އެވެ. އެ ޕޯސްޓްގައި ރައީސް އާއި ދަރިކަނބަލުން ވާހަކަދައްކަވާ ސަލާން ކުރައްވާ މަންޒަރު ފެނެއެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދަރިވަރުންނާއި ސަލާމް ކުރަން ހަދާފައިވާ ލައިންގައި، ޔާސްމީން ހުއްޓިވަޑައިގެން ހުންނެވީ ވެސް އަންހެން ދަރިވަރުންގެ ތެރެއިން ފުރަތަމަ ދަރިވަރެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް އެ ޕޯސްޓު ފަހުން ވަނީ ޑިލީޓުކޮށްފަ އެވެ. ފަހުން ވީޑިއޯ އެޑިޓު ކުރުމަށްފަހު ރައީސް އޮފީހުން ދެވަނަ ފަހަރަށް އެ ހަފްލާގެ ޕޯސްޓުކުރީ ހަމަ އެރޭ ދަންވަރު 2:08 ގަ އެވެ. އޭރު އެ ވީޑިއޯ އިން ޔާސްމީން ނުފެންނަ ގޮތަށް އެޑިޓުކޮށް އޭނާ ފެންނަ ހުރިހާ މަންޒަރެއް ވަނީ އުނިކޮށްފަ އެވެ.

މިކަން ކުރި ސަބަބާއި މެދު ސުވާލު ކުުރުމަށް އިސް ތަރުޖަމާން ހީނާ ވަލީދަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލް ވެސް މިކަމަށް ކޮމެންޓެއް ދެއްވާފަ އެއް ނުވެއެވެ.

ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ލިވަރޕޫލުގައި ދިރިއުޅޭ ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ދަރިކަނބަލުން ބައިވެރިވެވަޑައިގަތެވެ. އަދި ލިވަރޕޫލްގައި ތައުލީމް ހާސިލް ކުރަމުން ނުދާ ކުއްޖަކު އެ ހަފްލާގައި ބައިވެރިވެވަޑައިގަތުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

މިހާރު އެ ވީޑިއޯތައް ހިއްސާކޮށްފައި ވަނީ އާއްމުންނަށް ކޮމެންޓް ނުކުރެވޭ ގޮތަށެވެ.

- ކޮމެންޓް