ޔޫއެފާ އިން ފަލަސްތީނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސުލައިމާން އަލް-އުބައިދުގެ މަރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޝާއިޢު ކުރި ޕޯސްޓެއް ގައި އޭނާގެ މަރުވި ސަބަބާ މެދު އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ލިވަރޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ފާޑު ކިޔައިފި އެވެ.
ބުރާސްފަތި ދުވަހު، ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ބުނެފައި ވަނީ އުބައިދު ޝަހީދުވީ ދެކުނު ޣައްޒާ ގައި އިންސާނީ އެހީ އަށް އިންތިޒާރު ކުރަމުން ދަނިކޮށް އިސްރާއީލުގެ ހަމަލާއެއްގައި ކަމަށެވެ.
ޕީއެފްއޭ އިން ބުނާ ގޮތުގައި "ފަލަސްތީނު ފުޓްބޯޅައިގެ ޕެލޭ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ 41 އަހަރުގެ އުބައިދު، އޭނާގެ ކެރިއަރގައި 24 ބައިނަލްއަޤްވާމީ މެޗު ކުޅެފައި ވެއެވެ. އަދި އޭނާގެ ކެރިއަރ ގައި 100 ށް ވުރެ ގިނަ ގޯލު ޖަހާފައިވާއިރު، ބައިނަލް އަގްވާމީ މެޗުތަކުގައި 2 ގޯލް ޖަހާފައިވެއެވެ.
ހުކުރު ދުވަހު އެކްސް ގައި ޔޫއެފާ އިން ފަލަސްތީނުގެ ޕެލޭ - ސުލައިމާން އަލް-އުބައިދް އަށް ވަދާއު ކިޔާ ކަމަށް ބުނެފައި ވެއެވެ.
"އެންމެ އަނދިރި ދުވަސްވަރުގައި ވެސް އެތައް ކުޑަކުދިންނަކަށް އުންމީދު ދިން ހުނަރުވެރިއެއް." ކަމަށް ވެސް އެކްސް ގައި ކުރި ޕޯސްޓު ގައި ލިޔެފައި ވެއެވެ.
ހޮނިހިރު ދުވަހު، މިސުރުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ސަލާހު (33) ވަނީ "އޭނާ މަރުވީ ކިހިނެއް، ކޮންތާކު، އަދި ކީއްވެގެންކަން ބުނެދެވިދާނެތޯ؟" ލިޔެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަމަލާތައް ފެށި ފަހުން ޣައްޒާގައި 61,300 އަށްވުރެ ގިނަ މީހުން ޝަހީދު ވެފައި ވެއެވެ.
ހަމާސް އިން ހިންގާ ހެލްތް މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން މަދުވެގެން 38 މީހުން ޝަހީދުވެ، 491 މީހުން ޒަޚަމްވެފައި ވެއެވެ.
އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާ އެކު ހިންގާ ޖަމްޢިއްޔާ އެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މޭ މަހުގެ ފަހުކޮޅު އެހީ ބެހުމުގެ މަރުކަޒުތައް ޤާއިމުކުރި ފަހުން، ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް 1,373 ފަލަސްތީނު މީހުން ޝަހީދު ވެފައިވާ ކަމަށް އދ. އިން މި މަހު ކުރީކޮޅު ބުނެފައިވެއެވެ.
ސަލާހު ވަނީ މީގެ ކުރިން ވެސް ޣައްޒާ އަށް އިންސާނީ އެހީ ވައްދަން ހުއްދަ ދިނުމަށް ގޮވާލާ، މި ހަނގުރާމައިގެ ތެރޭގައި "މައުސޫމް ފުރާނަތައް ގެއްލިގެން ދިޔުން ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުން އެއްބައިވުމަށް" ގޮވާލާފައެވެ.
ޕީއެފްއޭ އިން ރިޕޯޓުކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި މަދުވެގެން 662 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 321 ފުޓުބޯޅަ ކުޅުންތެރިން ހިމެނެއެވެ.