ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކު 5 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.
ހޯމަ ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ދެ މީހުންނަކީ އުމުރުން 25 އަހަރުގެ، ވިކާޝް އަހުމަދު، ގއ.ވިލިގިލި، ސޯސަން ވިލާ އާއި ގދ.ފަރެސްމާތޮޑާ، ފަރެސް އަވަށަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ، އަހުމަދު އީމާން މުހައްމަދުއެވެ.
އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ޖަމާއަތް ހަދައިގެން މާރާމާރި ހިންގުމާއި ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ތުހުމަތެވެ. އަދި އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ 31 މާރޗް 2025 އިން ފެށިގެން 5 އޭޕްރިލް 2025ގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަކަަށެވެ.
އެ ދެ މީހުން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ ކަމަށް ވިކާޝް އާއި އީމާން ބަންދުގައި ބަހައްޓަން އަމުރުކޮށް ނެރުނު ކޯޓު އަމުރުގައި ވަނީ ބުނެފައެެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއ ޤާނޫނު ނަމްބަރު 12/2016(ޖިނާއީ އިޖުރާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ދެ މީހުން ބަންދުކުރަނީ މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަަމަށް ބެލުމަށް ފަހުގައި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ވިކާޝް އާއި އީމާން ހައްޔަރުކޮށްފައި ވަނީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލަ އަކީ އާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިނގާފައިވާ ކަމެއްކަން ފުލުހުންގެ ފަރާތުން ހުށަހެޅި ލިޔުމާއި ހެކިން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ވަކި ވަކިން ނެރުނު ކޯޓު އަމުރުތަކުން އެނގޭ ގޮތުން، އެ ދެ މީހުން ވެސް ވަނީ އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެ ދެ މީހުން ވަނީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން 5 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން އަމުރުކުރުމަށް ނިންމާފައި ވަނީ ވިކާޝް އާއި އީމާން ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދިފައިވާތީ އެވެ.