Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 16:19
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސްޕެއިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
އެއީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެއް
ހޮނިހިރު ދުވަހު އޭނާގެ ބަންދަށް 10 ދުވަސް ޖަހައި، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވޭ
އޭނާއާއެކު ދިވެހިންގެ އިތުރު ބަޔަކު ބައިވެރިވި ކަމަށް ތުހުމަތު ކޮށްފައިވޭ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސްޕެއިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެއީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރުގައި އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތީގެ ޓްރެފިކްކުރުމުގެ ތުހުމަތެވެ.

ހޮނިހިރު ދުވަހު އޭނާގެ ބަންދަށް 10 ދުވަސް ޖަހައި، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ އައިރު ލަގެޖްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި އޭނާއާއި ދިވެހިންގެ އިތުރު ބަޔަކު ބައިވެރިވި ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ފެނުނު ތަކެތި ފީލްޑް ކިޓުން ކޮކެއިންނަށް ޕޮސިޓްވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އިތުރު ބަޔާނުގައި ބުނެފައިވަނީ އޭނާއަށް ދައުލަތުން ވަކީލަކު އައްޔަން ކުރުމަށް އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އައިއޯ ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ އަޑު އެހުން ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސި ބަހަށް ތަރުޖަމާކުރާ މީހަކާއެކު ކަމަށާއި، ދެން އޮންނަ އަޑު އެހުމަކަށް އޭނާގެ މާދަރީ ބަސް އެނގޭ ތަރުޖަމާނަކު ހޯދުމަށް އަންގާފައިވާ ކަމަށެވެ.

- ކޮމެންޓް