ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 20:43
ފުލުސް އޮފިސަރު ރިއާނޯގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގައި ފެންނަން ހުރީ، ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދަމުން ދިޔައިރު ބޭނުން ކުރި ތަސްވީރުގައި ފެންނަން ހުރި ގޮތާ ކުޑަކޮށް ތަފާތުކޮށް
ފުލުސް އޮފިސަރު ރިއާނޯގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގައި ފެންނަން ހުރީ، ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދަމުން ދިޔައިރު ބޭނުން ކުރި ތަސްވީރުގައި ފެންނަން ހުރި ގޮތާ ކުޑަކޮށް ތަފާތުކޮށް
-
ޤާތިލަކު ފުލުސް އޮފިސަރަކަށް ވުން
ޒުވާނާގެ ޤާތިލު، 20 އަކަށް އަހަރު ފަހުން ފެނުނީ ފުލުސް އޮފިސަރެއްގެ މަޤާމުން!
މީގެ 20 އަކަށް އަހަރު ކުރިން، އޮހައިއޯގައި ޒުވާނެއްގެ މޫނަށް ބަޑިޖަހާ، އޭނާ މަރާލި މަންޒަރުތައް ފެންނަ ވީޑިއޯ ހެކި ހުރި ކަމުގައި ވީ ނަމަވެސް، އެ ތުހުމަތަށް ރިއާނޯ އިންކާރު ކުރެއެވެ.

އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅެވެ. އޮހައިއޯގައި ދިރިއުޅެމުން ދިޔަ، އުމުރުން 25 އަހަރު ޒުވާނަކާއި އެންޓޯނިއޯ ރިއާނޯއާ ދެމެދު ހޫނު ޒުވާބެއް ފެށުނެވެ. ޒުވާބު ހޫނުވަމުން ގޮސް، ކަންތައްތައް ގޯހުން ގޯހަށް ދިޔަ މަންޒަރުތައް ވަނީ ސަރވޭލަންސް ކެމެރާތަކަށްވެސް އަރާފައެވެ. ގައިން ހީބިހި ނަގުވާ ފަދަ މަންޒަރުތަކެކެވެ. ކޯޅުންގަނޑު ގަދަވެ، ވަކި ހިސާބަކުން ޒުވާނާއާ ދިމާއަށް ރިއާނޯ ބަޑިއެއް ނަގާ އަމާޒު ކުރާ މަންޒަރު ފެނެއެވެ. އަދި އިސާހިތަކު އެ ޒުވާނާގެ މޫނަށް ބަޑިޖަހާ، އޭނާ މަރާލައެވެ.

'އެލް ޑިއާބްލޯ' ނުވަތަ "އިބިލީހުގެ" ނަމުން ވަނަން ދީގެން އުޅޭ ރިއާނޯ އެހާ ހިސާބުން ފިލީއެވެ. ރިއާނޯ ހޯދުމަށް ޤައުމީ ފެންވަރުގައި ހިންގި އޮޕަރޭޝަން ވީ ނާކާމިޔާބެވެ. ރިއާނޯ ދިޔައީ ނިއު ޖަރޒީގައި ދިރިއުޅެމުން ދިޔަ އޭނާގެ ދައްތައާ ބައްދަލު ކުރާށެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ގެއްލުނީއެވެ. މި ފަހަރު ގެއްލުނު ގޮތަށް 20 އަކަށް އަހަރު ވިއެވެ. އެއީ އެމެރިކާއިން އެންމެ ހޯދަން ބޭނުން ވެފައި ވާ ޖިނާޢީ ކުށްވެރިންގެ ލިސްޓުގައިވެސް އޮތް މީހެކެވެ. އެހެނެއް ކަމަކު، އަހަރުތަކެއް ފާއިތުވެގެން ދިއުމާއެކު، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަރަކާތްތެރި ގޮތެއްގައި ރިއާނޯ ހޯދުމުގެ އަމަލީ މަސައްކަތްތައް މަޑުޖައްސާލާފައެވެ. ކަން އެގޮތުގައި އޮއްވާ، ތަހުޤީޤީ އޮފިސަރެއްގެ ލޮލުގައި ރިއާނޯ އަޅައިގަތެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުންނެވެ.

މޫނަށް ބަޑިޖަހާ، އުމުރުން 25 އަހަރުގެ ޒުވާނާ މަރާލި ރަހުމްކުޑަ ޖަރީމާ ހިންގިއިރަކު ފޭސްބުކްއެއް ނޯވެއެވެ. ނަމަވެސް 2004 ވަނަ އަހަރުގެ އެ ކޭހުގައި މަސައްކަތް ކުރި ކުރީގެ ޑެޕިއުޓީއެއް ކަމަށް ވާ ޕޯލް ނިއުޓަންއަށް ތަފާތު ޚިޔާލެއް އައެވެ. މިހާރު ބަޓްލަރ ކައުންޓީ ޕްރޮސެކިއުޓަރ އޮފީހުގައި މަސައްކަތް ކުރާ ޕޯލް ނިއުޓަން، ސޯޝަލް މީޑިއާގައި ރިއާނޯގެ ނަން ޖަހައިގެން ހޯދަން ފެށިއެވެ. އެތައް އަހަރެއް ވަންދެން އެ މީހަކު އަތުލައިގަތުމުގެ ވަރުގަދަ އަޒުމުގައި މަސައްކަތް ކުރި މީހާގެ ފޮޓޯއެއް، ޕޯލް ނިއުޓަންގެ ސަމާލުކަން ދަމައިގަތެވެ. ހަމަ އޭނާގެ އަމިއްލަ ނަމުގައެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެއީ ހޯދަމުން ދިޔަ މީހާގެ ފޮޓޯއާއެކު ހަމަ އެ ނަމުގައި ފޭސްބުކް ބޭނުން ކުރަމުން ދިޔަ ރިއާނޯއެވެ. ޕޯލް ނިއުޓަންއަށް ރިއާނޯ ފެނުނުއިރު، އޭނާ ހުރީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މެކްސިކޯގެ ފުލުހެއްގެ ގޮތުގައެވެ.

ފުލުސް އޮފިސަރު ރިއާނޯގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގައި ފެންނަން ހުރީ، ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދަމުން ދިޔައިރު ބޭނުން ކުރި ތަސްވީރުގައި ފެންނަން ހުރި ގޮތާ ކުޑަކޮށް ތަފާތުކޮށެވެ. ވާނީވެސް އެހެންތާއެވެ. ދުވަސްވާ ވަރަކަށް، މީހާގެ ހަށިގަނޑަށްވެސް ބަދަލު އަންނާނެތާއެވެ. ބޮލުގައި ނުރަޖަހާލާފައި ހުރުމާއި، ބަލާ ބެލުމަށް އުމުރުން ދޮށީ ވަމުން ދާ ކަމުގެ އިޙްސާސް ކުރެވުން ފިޔަވާ އިތުރު އެއްވެސް ތަފާތެއް ފުލުސް އޮފިސަރުގެ ޕްރޮފައިލް ފޮޓޯއިން ފާހަގަ ނުވި ކަމަށާ، އެއީ ހަމަ ހޯދަމުން ދިޔަ ރިއާނޯކަން ޔަޤީން ކުރެވުނު ކަމަށް ޕޯލް ނިއުޓަން ކިޔައިދިނެވެ.

ރިއާނޯ ދެނެގަނެވުމާއެކު އެމެރިކާގެ އިންވެސްޓިގޭޓަރުން ވަނީ މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކާ ގުޅާ، އެއީ ހަމަ ގާތިލު ރިއާނޯކަން ކަށަވަރުކޮށްފައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒަޕޮލިޓާން ޕާމާޒް ޕޮލީސް ޑިޕަރޓްމަންޓްގެ ފުލުސް އޮފިސަރެއްގެ ގޮތުގައެވެ. އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ ރިއާނޯ ހަވާލު ކުރަން މެކްސިކޯއިން އެއްބަސްވިއެވެ. ރިއާނޯ ހައްޔަރުކޮށް، އޮހާއިއޯއަށް ފޮނުވާލިއެވެ. މީހަކު މަރާލި މައްސަލައިގެ ދައުވާ އުފުލުމަށެވެ. އެ ސްޓޭޓްގެ ޤާނޫނު ބުނާ ގޮތުން ވިއްޔާ، ރިއާނޯގެ މައްޗަށް އިއްވޭނީ އުމުރު ދުވަހުގެ ޖަލު ޙުކުމެކެވެ.

މީގެ 20 އަކަށް އަހަރު ކުރިން، އޮހައިއޯގައި ޒުވާނެއްގެ މޫނަށް ބަޑިޖަހާ، އޭނާ މަރާލި މަންޒަރުތައް ފެންނަ ވީޑިއޯ ހެކި ހުރި ކަމުގައި ވީ ނަމަވެސް، އެ ތުހުމަތަށް ރިއާނޯ އިންކާރު ކުރެއެވެ. ރިއާނޯ އިންކާރު ކުރިއެއް ކަމަކު އެއީ ނުކުރާ ކަމަކޭވެސް ބުނާނެ ޖާގައެއް ނެތެވެ. އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، މިކަމުގައި ރިއާނޯގެ އިޢުތިރާފެއްވެސް ބޭނުމެއް ނުވެއެވެ. 2004 ވަނަ އަހަރުގެ ކޭސްގައި މަސައްކަތް ކުރި ޑިޓެކްޓިވް މަރކް ހެންސަން ބުނި ގޮތުގައި، ބޭނުން ވާ ހުރިހާ ހެއްކެއް މިހާރު ވަނީ ލިބިފައެވެ. ރިއާނޯއާ ދެކޮޅަށް ސީދާ ދަޢުވާއެއް ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެސް އޮތީ ވެ ނިމިފައި ކަމަށާ، އޭރު އޮތީ އޭނާ ހޯދުން ކަން ހެންސަން ފާހަގަ ކުރިއެވެ. ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް ރިއާނޯ ފެނުނު ހިސާބުން، އެކަންވެސް ނިމުނީތާއެވެ.

މެކްސިކޯގެ ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކީއްވެތޯ ސުވާލު ކުރުމުން، އުމުރުން 72 އަހަރުގެ ރިއާނޯ ބުނީ، އެއީ މެކްސިކޯގެ މީހުންނަށް އެހިވާން ބޭނުން ވާތީ އޭނާ ކުރާ ކަމެއް ކަމަށެވެ. ނިކަން ވިސްނާލަބަލާށެވެ. މީހެއްގެ ފުރާނަ ދުއްވާލި ކަމުގެ ކުށުގައި ހޯދަމުން ދިޔަ ގާތިލު، އެންމެންގެ ކުރިމަތީގައި ހަޔާތުގެ ދުވަސްތައް ގުނަމުން އެދިޔައީ ހަމަ ފާޅުގައެވެ. އެހެން ނަމަވެސް، މީހަކު މަރާފައި އެކަމެއް ސިއްރެއް ނުކުރެވޭނެއޭ ބުނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިއީވެސް އެފަދަ ކުޑަކުޑަ މިސާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް